މިއީ އޮއިބާރު ދުވަސްވަރެއް، މޫދަށް އެރޭއިރު ސަމާލުވޭ: ފުލުހުން

މިއީ އޮއިބާރު ދުވަސްވަރެއް ކަމަށާއި އެހެންވެ، މޫދަށް އެރި އުޅޭއިރު ސަމާލުވެ ރައްކާތެރިކަމުގެ ފިޔަަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.


ފުލުހުން މިހެން ބުނެފައި މި ވަނީ ގެނބިގެން ޓޫރިސްޓުންތަކެއް މަރުވެފައި ވަނިކޮށެވެ. އަދި ޑައިވިނަށް ގޮސްގެން އުޅެނިކޮށް ބައެއް މީހުން އޮޔާ ގޮސް ގެއްލިގެން ހޯދަން ވެސް ޖެހުނެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ އިރުވައި މޫސުމުގެ ވައިގެ ސަބަބުން މި ދުވަސްވަރު އޮއި ބާރު ކަމަށެވެ. މޫދަށް އެރި އުޅޭއިރު އާއި މޫދު ކުޅިވަރުތައް ކުޅޭއިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި ފަތަން ނޭނގޭ މީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މިކަމުގައި އިތުރަށް ސަމާލުވާން ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް ގިނަ ވެފައި ވުމުން، އެ މީހުންނަށް ހިދުމަތްދޭ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރަން ޖެހެ އެވެ.

މިދިޔަ ހަފުތާގައި އެކަނި ވެސް ހަތަރު ޓޫރިސްޓަކު ވަނީ ގެނބިގެން މަރުވެފަ އެވެ. އަދި ޑައިވްކުރަން އުޅުނު 40 އަހަރުގެ ރަޝިޔާ އަންހެނަކު ވެސް އިއްޔެ ވަނީ މަރުވެފައެވެ.