ޖަލުގައި އަންހެން މީހާ މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ހުރި 23 އަހަރުގެ އަންހެނަކު މިރޭ މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.


އެޗްއާރުސީއެމުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އަންހެން މީހާ މަރުވި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. މިއީ މިފަދަ މައްސަލައެއްގައި މި ފަހުން އެޗްއާރުސީއެމުން މިހާ އަވަހަށް އުޅެ އަދި އެކަން އާންމުންނަށް އެންގި ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނީ ވައްކަމުގެ މައްސަލައެއްގައި އެ އަންހެން މީހާ ހައްޔަރުކުރި ދުވަހުން ފެށިގެން ހުރިހާ ހައްގުތަކެއް ދީފައިވާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ބަލައި ދިނުމަށް އިންޓަގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމްގައި ފުލުހުން ވަނީ އެދިފަ އެވެ. އަދި ތަހުގީގަށް އޮޓަޕްސީ ހެދުމުގެ ހުއްދަ އާއިލާގެ ފަރާތުން ހޯދަން ވެސް ފުލުހުން އެދިފައިވާ ކަމަށް އެތަނުން ބުންޏެވެ.

ރާއްޖޭގެ ޖަލުތަކުގައި މަރުވާ ބައެއް ގައިދީންގެ މަރާ މެދު ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ. އެގޮތުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން ބައެއް މީހުން މަރުވެފައިވާ ކަމަށް، އާއިލާތަކުން ބުނެ އެވެ.