ލޫކަސްގެ ބަންދަށް ފަހުން އިތުރުކުރި މުއްދަތު ވެސް އިސްތިއުނާފްކޮށްފި

ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ގެ ބަންދަށް ދެވަނަ ފަހަރަށް ކޯޓުން އިތުރުކޮށްދިން މުއްދަތު ވެސް އޭނާގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.


ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔަމުންދިޔަ ޝަމްއޫން މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކުރީ ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެއެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް 15 ދުވަސް ފުރަތަމަ އިތުރުކޮށް ދިނުމަށް ފަހު އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ.

ފަހުން އިތުރުކޮށްދިން 15 ދުވަހުގެ މައްސަލަ ޝަމްއޫންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ފަށައިފަ އެވެ. މިހާރު އިތުރުކޮށްދީފައިވާ ބަންދުގެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހު ހަމަވާނެ އެވެ.

ޝަމްއޫންގެ ބަންދަށް ކުރިން އިތުރުކޮށްދިން 15 ދުވަހުގެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފްކޮށް، އެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.

އިއްޔެ އެ މައްސަލައިގެ ހުކުމް އިއްވަން ހައި ކޯޓުން ތާވަލް ކުރިޔަސް މައްސަލަ ބަލާ ފަނޑިޔާރަކު ސަލާމުގައި ހުންނެވުމުން އިއްޔެ ހުކުމް ކުރެވޭ ގޮތެއް ނުވި އެވެ.