ރާއްޖޭން ތެޔޮ ފެނިފައިނުވާ ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދެއްކެވި ވާހަކަތައް ސާބިތުކޮށްދެއްވަން ޖެހޭ ކަމަށް މިދިޔަ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވީ، ރާއްޖެ އިން ތެޔޮ ފެނިފައިވާ ކަމަށް ބުނެ، ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ރާއްޖޭން ތެޔޮ ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ތިމާވެއްޓަށް ހުރި ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަހާގެ ވާހަކަތަކަށް ރައްދު ދެއްވައި ޝައިނީ "މިހާރު" އަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި ކަމަކީ ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުން ކަމަށެވެ. ކުރީގެ ސަރުކާރުން ރައްޔިތުންނަށް ވައުދުވީ ތެޔޮ ހޯދުމުގެ މަސައްކަތް ކުރުމަށް ކަމަށާއި ތެޔޮ ނަގަން ނޫން ކަމަށް ޝައިނީ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފިޝަރީޒް މިނިސްޓަރު ޒަހާ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ތެޔޮ ހޯދުމަށް ކުރި ދިރާސާތަކުން ރާއްޖޭގައި ހައިޑްރޯކާބަން ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި އެއީ ދޮގު ވާހަކަތަކެއް ނޫން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. އަދި ދޮގު ހައްދަވާ ބޭފުޅަކު ސަރުކާރުން ބަލައި އެ ބޭފުޅަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ތެޔޮ ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއޭ ޒަހާ އަށް ވިދާޅުވާން އެނގުނީ ކިހިނެއްތޯ؟ އެއިން އެއްވެސް މައުލޫމާތެއް ޒަހާ އަތުގައި ހުރީތޯ؟" ޝައިނީ ވިދާޅުވި އެވެ.

"[ތެޔޮ ހޯދަން] މަސައްކަތެއް ނުކުރެއޭ، ނުވަތަ އަޅުގަނޑު ދޮގު ހަދަނީއޭ ބުނާތީ އެކަމާ ހިތާމަކުރަން،"

ޝައިނީ ވިދާޅުވީ ތެޔޮ ހުރި ކަމުގެ ނިޝާންތައް ރާއްޖެ އިން ފެނުމާ ގުޅިގެން ބޭރުގެ ބައެއް ފަރާތްތަކުން ޝައުގުވެރިވެގެން ރާއްޖެ ވެސް އައިސްފައިވާ ކަމަށެވެ. އެކަމަކު، ތެޔޮ ހުރި ކަމުގެ ނިޝާންތައް ފެނުމާ ގުޅިގެން އެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ދަތިތަކާ ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ހިލާފަށް ވެއްޓުމާ ގުޅިގެން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"ރާއްޖެ ކަހަލަ ގައުމަކުން ތެޔޮ ހޯދުމާއި ތެޔޮ ނެގުމާ ދޭތެރޭގައި 10 އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އޭރު ވެސް ދެންނެވިން،" ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތެޔޮ ހޯދުމުގެ މަސައްކަތް އޭރު ވެސް ކުރީ ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަކަށް ވިސްނައިގެންނެވެ. އަދި ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަހަރު، ބޭރުގެ ބަޔަކާ އެކީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް ދިޔަ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އެކަމަކު ތެޔޮ ނެގުމުގެ މަސައްކަތް އޭރު ބަޔަކާ ހަވާލު ނުކުރީ ތެލުގެ އަގު ދަށްވެފައިވާތީވެ، އެކަމަށް އެކަށީގެންވާ ބަޔަކު ކުރިމަތިނުލާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ ކަނޑުގެ އަޑިން ތެޔޮ ހުރިތޯ ބެލުން ފަދަ ތިމާވެއްޓާ ބީރައްޓެހި ކަންކަން މި ސަރުކާރުން ރާއްޖޭގައި ނުކުރާނެ ކަމަށެވެ. އަދި ތެޔޮ ނެގުމަކީ ރާއްޖޭގައި ދުވަހަކު ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރިން ފިޝަރީޒް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ޒަހާ ވިދާޅުވި އެވެ.

"ރާއްޖެ މީ ޖަޒީރާ ގައުމެއް. ބޮޑު ފަރުގެ މާހައުލެއް. ދުނިޔޭގެ ހަ ވަނަ ފަރުގެ މާހައުލު. އަޅުގަނޑުމެންގެ ފަރަށް ގެއްލުންވާ ކަން އެނގި ތިބެ އެފަދަ ކަމެއް ނުކުރާނަން. މި ސަރުކާރަކުން ތިމާވެއްޓަށް ގެއްލުންވާ ކަމެއް ނުކުރާނެ. އަޅުގަނޑުމެންނަކީ ތިމާވެއްޓާ ގުޅުން ހުރި ކަންކަމަށް ވަކާލަތުކުރާ ބައެއް،" ޒަހާ ވިދާޅުވި އެވެ.