ކްރިމިނަލް ކޯޓުން ސުއޫދުގެ މައްސަލަ ބަލަން ނިންމައި، މާދަމާ އަޑުއެހުމެއް ބާއްވަނީ

ކްރިމިނަލް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނާ ބެހޭގޮތުން ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކުގެ މައްސަލަ ކޯޓުގެ ހުރުމަތް ކެނޑުގެ މައްސަލައެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ބަލަން ނިންމައި، އެ މައްސަލާގެ އިޖްރާއީ އަޑުއެހުމެއް މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.


ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ސުއޫދު ދާދިފަހުން ވަނީ އެ ކޮމިޝަނުން ކިތަންމެ ރަނގަޅަކަށް މައްސަލަ ތަހުގީގު ކުރިޔަސް، މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައެއް ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ކޯޓު ހައިބަތާއި ކަރާމާތް ނަގާލައި، އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް ސުއޫދު މީޑިއާގައި ދެއްކެވި ވާހަކަތަކުގެ މައްސަލަ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބެލުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މައްސަލާގެ އިޖްރާއީ އަޑުއެހުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ސުއޫދު ދެއްކެވި ވާހަކަތަކުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަން ނިންމިއިރު، ސުއޫދުގެ އެ ތުހުމަތުތަކާ ގުޅޭ ހެކިތައް ސުޕްރީމް ކޯޓަށް ދިނުމަށް ސުއޫދު އިންކާރު ކުރި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ކުރިން ބުނެފަ އެވެ. އަދި ސާބިތު ނުހިފޭ ގޮތަށް ފަނޑިޔާރުންނާއި ކޯޓުތަކާ ބެހޭގޮތުން އެފަދަ ވާހަކަތައް ދެއްކުމަކީ ސުއޫދާ މެދު ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ވެސް ޑީޖޭއޭ އިން ކުރިން ބުނެފައިވެ އެވެ.

ސުއޫދުގެ ތުހުމަތުތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ދަނީ ބަލަމުންނެވެ. އެކަމާ ގުޅޭ ޚާއްސަ ކޮމެޓީއެއް އެ ކޮމިޝަނުން އެކުލަވާލާފައިވާއިރު، އެ ތުހުމަތުތަކާ ގުޅޭ ހެކިތައް އެ ކޮމެޓީއަށް ދީފައިވާނެ ކަމަށް ސުއޫދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ