ޕީޕީއެމް މެމްބަރުންގެ ހައްގު ހޯދަން ގާސިމާ ބައްދަލުކޮށްފި

ޕީޕީއެމާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ހައްގު އެތައް ބަޔަކަށް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާތީ، އެ ހުރަސްތަކަށް ހައްލެއް ހޯދަން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ހެނދުނު ބައްދަލުކޮށްފި އެވެ.


އެ ބައްދަލުވުން އޮތީ މަޖިލީހުގެ އިދާރާގަ އެވެ.

މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޯމަދުވަހު ހުޅުވާލާނެ އެވެ. އެކަމަކު ޕީޕީއެމުން ޓިކެޓް ދީފައި ތިބި މެމްބަރުންނަށް އެ ޕާޓީގެ ނަމުގައި ވާދަކުރެވޭކަށެއް ނެތެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ހިންގަވާ ޕީޕީއެމް، އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ އެވެ.

ގާސިމްއާ އެކު ބާއްވަވާ ބައްދަލުވުމާ ގުޅޭ ގޮތުން ނިހާން ކުރެއްވި ޓުވީޓް

މަޖިލީހުގައި ޕީޕީއެމް މިހާރު ތަމްސީލް ކުރައްވާ 27 މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުންނާއި ޔާމީން ސަރުކާރުގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުންނަށް ޕީޕީއެމްގެ ޓިކެޓް ވަނީ ދީފަ އެވެ.

ޕީޕީއެމްގެ ނަމުގައި ވާދަކުރަން ކުރިމަތިވި ހުރަސްތަކަށް ހައްލު ހޯދަން ޕީއެންސީ އުފައްދަވަން ޔާމީން ނިންމެވި ނަމަވެސް ޕާޓީ ރަޖިސްޓްރީކުރުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފަ އެވެ. އެއީ، އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި ހިންގާ ޖަރީމާއެއް ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އީސީން މި ތުހުމަތު ދޮގު ކުރެ އެވެ.

ނިހާން "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ ރައީސް ގާސިމްއާ މިއަދު ބައްދަލު ކުރެއްވީ ޕީޕީއެމްގެ މެމްބަރުންގެ ހައްގު ނިގުޅައިގަންނަ މައްސަލަ އާއި ޕީއެންސީ އުފެއްދުމަށް ދަތިކުރަމުންދާ މައްސަލައިގައި ހައްލެއް ހޯދަން ކަމަށެވެ. ޕީއެންސީ އުފެއްދަން ހުރަސްއެޅުމަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ އީސީން އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ޒާތީވެ ޕީއެންސީ އުފައްދަން ހުރަސްއަޅާ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެބަޖެހޭ އިލެކްޝަންސް ކޮމިޝަން ޒިންމާދާރުކުރުވަން،" ނިހާން ވިދާޅުވި އެވެ.

މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް މުގަރިރު ކަން ކުރައްވާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް އީސީގެ މައްސަލަ ހުށަހަޅާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ޔާމީން، ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ: ޕީއެންސީ އުފައްދަވަނީ ޕީޕީއެމަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކާ ހެދި ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވޭ.---ޕީޕީއެމް ޓުވިޓާ ފޮޓޯ

ޕީޕީއެމްގެ ޓިކެޓް، ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނަށް ކަށަވަރުވެފައިވާ އިރު، މައުމޫނަށް ޕީޕީއެމް ލިބިއްޖެ ނަމަ އެމަނިކުފާނުގެ ސިޔާސީ ހަރަކާތް މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ވާދަކުރާ މީހުންނަށް ވެސް ޕީޕީއެމްގެ ހައިސިއްޔަތު ދޭގޮތަށް ވަނީ ނިންމައިފަ އެވެ.

ޕީއެންސީ އުފައްދަން ގަސްތުގައި ލަސްކުރަމުންދާ ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ތުހުމަތުކުރާއިރު، އީސީން ބުނެފައިވާ ގޮތުގައި އެކަން ލަސްވީ ހުށަހެޅި ބައެއް ފޯމުތައް ސައްހަ ނުވެގެންނެވެ. އަލުން ހުށަހެޅި ފޯމުތައް ބަލައި މައްސަލައެއް ނޫޅޭ ނަމަ ލަހެއް ނުވެ ހުއްދަ ދޭނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ބައެއް ފޯމުތައް ސައްހަ ނޫން ކަމަށް އީސީން ކުރާ ތުހުމަތު ނިހާން ދޮގު ކުރައްވަ އެވެ.

"ޕީއެންސީ އުފައްދަން ސައްހަ 3،000 ފޯމު ހަމަނުވެއޭ ބުނުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކައެއް ނޫން. އެ އަދަދަށް ފޯމު ހަމަނުވާނެ ބައެއް ނޫން ޕާޓީ އުފައްދަނީ،" ނިހާން ވިދާޅުވި އެވެ.