މަޖިލީހުގެ ރައީސަކަށް ޕީއެންސީން ތާއީދުކުރަނީ އަފީފަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާ ވޯޓުގައި އިދިކޮޅު ޕީއެންސީން ތާއީދުކުރާނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފަށް ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ.


އިދިކޮޅު ކޯލިޝަން، ޕީޕީއެމާއި ޕީއެންސީން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ އަފީފަށް ތާއީދު ކުރަން އެ ޕާޓީން ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ އޭނާ އަށް ކަން ހާމަކުރެއްވުމުން ކަމަށެވެ.

"އަޅުގަނޑުމެން ދެ ޕާޓީން މިރޭ މިތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ނަންފުޅަށް ތާއީދުކޮށްގެން،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ ގޮތުގައި، އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ މަޖިލީހުގައި ތިއްބަވާނީ އަށް މެމްބަރެކެވެ.

މި ހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ތަރާވީހަކަށް ފަހު ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަނީ އަފީފަށް ތައުރީފް ކުރައްވައި، އެއީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު އަފީފާ އެކު މަސައްކަތްޕުޅު ކުރެއްވި ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތް ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޕީޕީއެމާއި ޕީއެންސީން ވެސް ދެކެ އެވެ. އެ ދެ ޕާޓީ އޮތީ އެހާ ވެސް ގާތުން ސަރުކާރަށް އެހީތެރިވާން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ތާއީދުކުރާނެ ބޭފުޅަކާ ދޭތެރޭގައި އެ ޕާޓީގައި އަދި ބަހުސެއް ނުކުރެވޭ ކަމަށެވެ. އެކަމަކު، އެ ޕާޓީ އާއި ޕީއެންސީން އެކުގައި މަސައްކަތް ކުރާއިރު، ގެންގުޅޭނީ އެއް ވިސްނުންތަކެއް ކަމަށް ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި އެ ކޯލިޝަންގެ ވިސްނުމަކީ މަގުމައްޗަށް ނުކުމެ އަޑުގަދަކޮށްގެން ކަންކަން ހައްލު ކުރުން ނޫނެވެ. އެކަމަކު އެ ހާލަތަށް ހިނގައްޖެ ނަމަ އެކަމަށް ވެސް ފަސްނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ދެން ޝައުގުވެރިކަން ފާޅުކުރެއްވީ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. މި ބޭފުޅުންގެ ތެރެއިން މަޖިލިހުގެ ރައީސް ކަމުގެ ގޮނޑި އަށް އެންމެ ބޮޑަށް ވާދަކުރައްވާ ދެ ބޭފުޅުންނަކީ ވެސް އަފީފާއި އަސްލަމެވެ.

މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށް ރައީސް ވިދާޅުވި އިރު، ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ބޭނުންފުޅު ވަނީ މަޖިލިހުގެ ރައީސަކަށް އަސްލަމް ގެނައުމަށެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސް ހޮވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އޭގެ ކުރިން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅުންގެ މެދުގައި ވޯޓެއް ނަގައިގެން މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާ ގޮތަށް އެ ޕާޓީން ވަނީ ހަމަޖައްސައިފަ އެވެ.

އާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބިފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ސިޔާސީ ޕާޓީ އަކަށް ރައްޔިތުންގެ މަޖިލިހުން މިހާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.