ލޭބާ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.


ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ ހައްގުގައި، ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންނަވައި އުފެއްދި ލޭބާ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެހެން ޕާޓީތަކުގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރާ މީހުންނަށް ވެސް ތާއީދު ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ލޭބާ ޕާޓީގެ އިތުރުން، ގިނަ އަދަދެއްގެ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން މަޖިލީހަށް ވާދަކުރެ އެވެ. އޭގެތެރޭގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އަދާލަތު ޕާޓީ، އެމްޑީއޭ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި އެމްޓީޑީ ހިމެނެ އެވެ. އެހެންކަމުން، މިފަހަރުގެ އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެ އެވެ.

ލޭބާ ޕާޓީން ބުނި ގޮތުގައި އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު އީމެއިލް ޒަރިއްޔާ އިން އޮންނާނެ އެވެ. އެކަމަކު، ޓިކެޓަށް ކުރިމަތިލެވޭނީ ކިހާ މުއްދަތަކަށް ކަމެއް އެ ޕާޓީން ނުބުނެ އެވެ.

ލޭބާ ޕާޓީން ކުރިން ބުނި ގޮތުގައި މަޖިލީހުގެ އިންތިހާބުގައި 15 ވަރަކަށް ދާއިރާއަށް އެ ޕާޓީގެ ފަރާތުން ވާދަކުރާނެ އެވެ. ޕާޓީގެ ފިކުރަކީ އަދި އެންމެ އިސް މަސައްކަތަށް ވާނީ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ވެސް ހިމާޔަތް ކުރުން ކަމަށް ވެސް ލޭބާ ޕާޓީން ވަނީ ބުނެފަ އެވެ.