އޮޅުވާލައިގެން ފޯމު ހުށަހަޅާ ނަމަ ޕްރައިމަރީގައި ބައިވެރިއެއް ނުކުރާނަން: އެމްޑީޕީ

އޮޅުވާލައިގެން މެމްބަޝިޕް ފޯމު ހުށަހަޅާ މީހުން ޕްރައިމަރީއަށް ކުރިމަތިލައި ވޯޓުގައި ބައިވެރިވުން ހުއްޓުވާނެ ކަމަށް އެމްޑީޕީން މިއަދު ދީފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީ އަށް ވަނުމަށް އެދި ގިނަ އަދަދެއްގެ ފޯމު އެ ޕާޓީގެ އޮފީހާ ވަނީ ހަވާލުކޮށްފަ އެވެ. އެމްޑީޕީގެ މެމްބަރަކަށް ވުމަށް އެދި މިހާތަނަށް 35،000 އަށްވުރެ ގިނަ ފޯމް ހުށަހެޅިއިރު، ގިނަ ބަޔަކު ފޯމް ފުރަނީ ޕްރައިމަރީގައި ވާދަކުރާ މީހުން މެދުވެރިކޮށެވެ. އަދި އަލަށް އެމްޑީޕީއާ ގުޅޭ މީހުންގެ ފޯމްތައް ޕާޓީގެ އޮފީހާ ހަވާލުކުރަނީ ވެސް ޕްރައިމަރީގައި ވާދަކުރާ މީހުންނެވެ.

ނ. ކެނދިކުޅުދޫން ހުށަހެޅި މައްސަލައަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ރަށުގެ ނުވަ މީހެއްގެ ފޯމު ލާފައި އޮތީ އެމީހުންނަށް ނޭނގި ކަމަށެވެ. އަދި އެއީ ސައްހަ ވާހަކައެއް ކަން ކަށަވަރުވުމާއެކު، ޕްރައިމަރީގެ ވޯޓު ލިސްޓުން އެމީހުން އުނިކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނި ގޮތުގައި މި އަމަލު ހިންގި މީހެއް މިހާތަނަށް އަދި ކަށަވަރުކުރެވިފައި ނެތް ކަމަށެވެ. އެކަމަކު، މި އަމަލަކީ ގާނޫނޫލްއުގޫބާތުގެ 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ އަމަލުތަކުގެ ކުށާއި، އެ ގާނޫނުގެ 310 ވަނަ މާއްދާގެ ދަށުން ސައްހަ ލިޔުމަށް ބަދަލު ގެނައުމުގެ ކުށަށް ފެތޭ ޖަރީމާއެއް ކަމަށް އެމްޑީޕީން ބުންޏެވެ. އެހެންވެ، މިފަދަ އަމަލެއް ހިންގީ އެމްޑީޕީ މެމްބަރެއްކަން ކަށަވަރު ކުރެވިއްޖެނަމަ، ޕްރައިމަރީއަށް ކުރިމަތިލުމާއި ވޯޓުގައި ބައިވެރިވުން މަނާ ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ވަނީ އަންނަ އަހަރުގެ އޭޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަކުރަން ނިންމައިފަ އެވެ. އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 18 ގަ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާ އިރު، އިންތިޚާބުގައި ކުރިމަތިލާ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.