ވީބީ ހަސަން މެދު ހެންވޭރު ދާއިރާ އަށް ވާދަކުރައްވަނީ

ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މެދު ހެންވޭރު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.


އެކަން އިއުލާން ކުރައްވައި ހަސަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގިނަ ބައެއްގެ އެދުމުގެ މަތިން މެދު ހެންވޭރު ދާއިރާ އަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ ކޮއްކޮ ހަސަން މެދު ހެންވޭރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާއިރު، އެ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ނުކުންނަވަނީ މިހާރު ވެސް މެމްބަރު އަލީ އާޒިމެވެ.

ވީބީ ހަސަންގެ ޓުވީޓު

ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ، އޭނާ މެދު ހެންވޭރު ދާއިރާ އަށް ކުރިމަތިލެއްވީ އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން ދިޔަ ގޮތުން ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި މެދު ހެންވޭރު ދާއިރާގެ މީހުން ވަރަށް ބޮޑު ބަދަލަކަށް ބޭނުންވެފައި ތިބިކަން މިދިޔަ ހަފުތާގެ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީން ސާފުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިންތިޚާބުގައި ވަރަށް ރަނގަޅު ޗެލެންޖެއް ދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑަކީ މެދު ހެންވޭރު ދާއިރާ އަށް ނިސްބަތްވާ އާއިލާއެއްގެ މީހެއް. އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިންނާއި އެކި ފެންވަރުގެ ބޭފުޅުން މެދު ހެންވޭރުގައި އެބަތިއްބަވާ. އަޅުގަނޑުގެ މުޅި އާއިލާގެ ސަޕޯޓު އަޅުގަނޑުގެ މި ނިންމުމަށް އެބައޮތް. މިހާރު ވެސް މިދަނީ އަޅުގަނޑުގެ އެކި ރައްޓެހިންނާ ވާހަކަ ދައްކަމުން،" ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަނބިކަނބަލުންގެ ކޮއްކޮ ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޕްރައިމަރީގައި މެދު ހެންވޭރު ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތާއީދު ވެސް އޭނާ އަށް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.