ސިއްރުފެންފުށީގައި އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ

ސިއްރުފެންފުށި ރިސޯޓުގައި އިމާރާތަކުން ވެއްޓި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.


ފުލުހުން ބުނީ އުމުރުން 22 އަހަރުގެ ފިރިހެނަކު މަރުވީ ރިސޯޓުގެ މަސައްކަތެއް ކުރުމަށް އުޅެނިކޮށް އިމާރާތަކުން ވެއްޓި ލިބުނު އަނިޔާތަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ޑޮކްޓަރުންނާ ހަވާލާދީ ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ށ. މާއުނގޫދޫ، ބުލްބުލާގޭ އަބްދުﷲ ހަސަން، އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވި ކަމަށް ބެލެވެނީ ވެއްޓި ޖެހުނު ގޮތުން ކަނދުރާ އަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކަމަަށް ބެލެވޭ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އެ ހާދިސާ ހިނގި ގޮތް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވިއިރު، އިއްޔެ އައްޑޫ ސިޓީގައި އިމާރާތަކުން ވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.

މީގެއިތުރުން، ނ. މާފަރުގައި މަސް ހިފުމަށްޓަކައި މޫދަށް އެރި އުޅުނު ދިވެއްސަކު މިއަދު ވަނީ މަރުވެފަ އެވެ.