ރާޖަޕަކްސާ، ރައީސްއާ ބައްދަލުކުރައްވައިފި

ސްރީ ލަންކާގެ ކުރީގެ ރައީސް އަދި އެގައުމުގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަަޕަކްސާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.


ރައީސް އޮފީހުން ބުނީ ރާޖަޕަކްސަ ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ވާހަކަދެއްކެވީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމާ ބެހޭ ގޮތުން ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުމަށް ފަހު ރާޖަޕަކްސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަމާންވީ އެކުވެރިޔާއާ ބައްދަލުކޮށްލެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. ރާއްޖެ އާއި ސްރީ ލަންކާގެ ގުޅުމުގެ މުސްތަގުބަލާ މެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ރާޖަޕަކްސާ ވިދާޅުވި އެވެ.

ރާޖަޕަކްސާގެ ޓްވީޓް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލަންކާއަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވީ އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ދައުވަތަކަށެވެ. ރައީސް ވަނީ ލަންކާގެ މިނިވަން ދުވަހުގެ އިހުތިފާލުތައް އިއްޔެ ޝަަރަފްވެރިކޮށްދެއްވައިފަ އެވެ.

ވެރިރަށް ކޮލަމްބޯގެ ގޯލް ފޭސް ގްރީންގައި ބޭއްވި އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ދިވެހި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވި އެވެ. އަދި ސްރީ ލަންކާގެ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން ރާޖަޕަކްސާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ރާއްޖޭގެ ރައީސަކު ޝަރަފްވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ސްރީ ލަންކާގެ މިނިވަން ދުވަހަކީ ފެބްރުއަރީ 4 ވަނަ ދުވަހު އެވެ. އެއީ އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ދުވަހެވެ.