ރައީސް، ނަމާލްއާ ބައްދަލުކުރައްވައިފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.


ރައީސް އޮފީހުގައި ރައީސާ ބައްދަލުކުރެއްވުމަށް ފަހު، ނަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮތީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް ކަމަށެވެ. އެ ގުޅުން ކުރިމަގުގައި ވެސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސާ ބައްދަލުކުރެއްވުމަށް ފަހު ނަމާލް ކުރެއްވި ޓްވީޓް--

ސްރީ ލަންކާގެ އިދިކޮޅު ޕާޓީގެ މަޖިލިސް މެމްބަރު، ނަމާލް މިއަދު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނަމާލްއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ޓުވިޓާ

ނަމާލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.