ރައީސްގެ މަންދޫބު، ލަންކާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ސްރީ ލަންކާގައި ބޮންތަކެއް ގޮއްވާލައި ދިން ހަމަލަތަކާ ގުޅިގެން، ދިވެހިންގެ ހާލު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މަންދޫބު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ މިއަދު ބައްދަލު ކުރައްވައިފި އެވެ.


ޚަލީލްއާ އެކު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ދިވެހި ސަފީރު އުމަރު ރައްޒާގު "މިހާރު" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި ރައީސް ސޯލިހްގެ ފަރާތްޕުޅުން ހަމްދަރުދީގެ މެެސެޖެއް ރައްދު ކުރެއްވި ކަމަށެވެ. އެއާއެކު ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކަކީ ދިވެހި ސަރުކާރުންނާއި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމުގެ ޝުއޫރުތަކާ އެކު ރާއްޖެ އިން ތިބީ ލަންކާ އަށް އެހީވާން ތައްޔާރަށް ކަމަށް ރައީސްގެ މަންދޫބު ރަނިލް އަށް ދެންނެވި ކަމަށް އުމަރު ވިދާޅުވި އެވެ.

"ރާއްޖެ އިން އެއްބާރުލުން ދޭން ތައްޔާރަށް އޮތްކަން ދެންނެވި،" އުމަރު ވިދާޅުވި އެވެ.

ރައީސްގެ މަންދޫބު ވަނީ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީގެ ޓްވީޓް

އަމިއްލަ އަށް މަރުވެގެން ލަންކާގެ އެކި ތަންތަނުގައި ދިން ހަމަލާތަކުގައި 290 މީހުން ވަނީ މަރުވެފަ އެވެ. އެ ހަމަލާގެ ތުހުމަތުގައި 24 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ.

އެ ހަމަލާއާ ގުޅުން ހުރި ބަޔަކު ފިލައިގެން އުޅޭ ކަމަށް ތުހުމަތުކޮށް، އެ މީހުން ހޯދަން ލަންކާގެ އެކި ސަރަހައްދުތައް އަންނަނީ ބަލައި ފާސްކުރަމުންނެވެ. އޭގެތެރޭގައި، ދިވެހިން ދިރިއުޅޭ ގެތައް ވެސް ހިމެނެ އެވެ.