ސާބިތު ދަރަންޏެއް އޮތުމުން ފާރިސް އާއި ޣައްސާނުގެ ޝަރުތު ހަމަވޭތަ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެ ދަރިކަލުން ކަމަށް ވާ ފާރިސް މައުމޫނާއި ޣައްސާން މައުމޫނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާކަން ރަސްމީކޮށް އިއުލާނު ކުރައްވާފައި ވާއިރު އެ ދެ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަން ފަށައިފި އެވެ.


ދެ ބޭފުޅުންގެ މައްޗަށް 2.1 މިލިއަން ރުފިޔާގެ ސާބިތު ދަރަންޏެއް އެބަ އޮތެވެ. އަދި ސިވިލް ކޯޓުން ދިން އެއް މަސްދުވަހުގެ މުއްދަތުގައި ދަރަނި ދައްކަވާފައެއް ނުވެ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކާ އެ ބޭފުޅުން ހިލާފުވެވަޑައިގަންނަވާ ކަމަށް، ގާނޫނީ ބައެއް ވަކީލުން ވިދާޅުވެ އެވެ.

ނަމަވެސް "މިހާރު"ން ވާހަކަ ދެއްކި ގިނަ ވަކީލުންގެ ނަޒަރުގައި، މައްސަލަ ހައި ކޯޓުގައި އިސްތިއުފާން ކޮށްފައި އޮތުމުން، އިންތިހާބުގައި ވާދަކުރައްވާކަށް އެ ދެ ބޭފުޅުންނަށް ހުރަހެއް ނެތެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބައިވެރިނުވެވޭނެ ހާލަތްތަކުގެ ތެރެއިން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އެއް ހާލަތަކީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަަރަނި އަދާކުރަމުން ނުދިއުމެވެ. އަދި މެމްބަރަކަށް ހުރެ އެ ހާލަތު ދިމާވެއްޖެ ނަމަ މެމްބަރުކަން ވެސް ގެއްލޭނެ އެވެ.

ފާރިސް އާއި ގައްސާނުގެ ދެ ދަައްތާފުޅުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން ވެސް ހިމެނޭ ގޮތުން ހަތަރު ބޭފުޅުން 2.1 މިލިއަން ރުފިޔާ ދަައްކަވަން ނޮވެމްބަރު 20، 2017 ގައި ސިވިލް ކޯޓުން ހުކުމްކުރީ، ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އާރުސީއެންސީ އަށެވެ. އެއީ ހަތަރު ބޭފުޅުންގެ ނަންފުޅުގައި އޮތް ބިމެއްގައި ހެދި ހަތް ބުރީގެ އިމާރާތަށް ދައްކަން ޖެހޭ ފައިސާގެ ބައެކެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް ވަކީލުން ވިދާޅުވީ އެ ފައިސާ ދައްކަވާފައި ނުވާތީ ދެ ބޭފުޅުންގެ ޝަރުތު ހަމަނުވާނެ ކަމަށެވެ.

"ދަރަނި އޮތް ކަމަށް ސާބިތުވެ، ފައިސާ ދައްކަން ހުކުމް ކުރާ ހިސާބުން އެއީ ސާބިތު ދަރަންޏެއް. ފައިސާ ނުދައްކާ ނަމަ ވާނީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް، ހައި ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

އެކަމަކު އެހެން ވަކީލެއް ކަމަށް ވާ މަހްފޫޒު ސައީދު ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް، ފާރިސް އާއި ގައްސާނުގެ ހާލަތު ރިއާޔަތް ކުރަން ޖެހޭނެ ކަމަށެެވެ.

އިސްމާއިލް އަަބްދުލް ހަމީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި އޮތީ ނިހާއީ ހުކުމަކަށް ނުވަންޏާ މެމްބަރުކަމުގެ ޝަރުތު ހަމަވާނެ ކަމަށެވެ.

"ނިހާއީ ހުކުމަކަށް ވާނީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމުމުން ނުވަތަ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވާ އިރު އިސްތިއުނާފް ނުކޮށް އޮތުމުން،" މަހުފޫޒް ވިދާޅުވި އެވެ.

ސިޔާސީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ގާނޫނީ ވަކީލު އަލީ ޒާހިރުގެ ހިޔާލު ވެސް މަހްފޫޒާ އެއްގޮތެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިވަގުތު އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ހުކުމް ތަންފީޒުކުރުން ހުއްޓިފައި އޮންނަ ކަމަށެވެ. އެހެންކަމުން ފާރިސް އާއި ޣައްސާނުގެ ދަރަނީގެ މައްސަލަ އިސްތިއުނާފުކޮށްފައި އޮތުމުން، ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ ކަމަކަށް މި ވަގުތު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާބިތު ދަރަންޏެއް އޮތުމެއް ނޫން ޕޮއިންޓަކީ. އޭގައި [ހުކުމުގައި]ވާ ގޮތަށް ފައިސާ ނުދެއްކުން. އެހެންވެ ފައިސާ ދެއްކުން އެއީ ހުކުމް ތަންފީޒު ވުން ކަމަށް ވާތީ އެކަން އިސްތިއުނާފުކުރުމުން ހުއްޓިގެން ދާތީ ޝަރުތު އުނިވާ ކަމަކަށް ނުބެލެވޭނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ އިސްމާއީލް އަބްދުލް ހަމީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ގޮތަށް، ފާރިސް އާއި ޣައްސާނުގެ މައްސަލައަށް ވެސް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

"ދެން އެ އުސޫލު ބަދަލުވާނީ [ސުޕްރީމް ކޯޓުގެ] އެހެން ހުކުމަކުން. ނުވަތަ ގާނޫނަށް ގެނެވޭ ބަދަލަކުން އެކަނި ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.