ތިން ބޭންކަކަށް 699 މިލިއަން ރުފިޔާ ދައްކަން އަތަމާގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ތިން ބޭންކަކަށް 699 މިލިއަން ރުފިޔާ ދައްކަން އަތަމާ އިންވެސްޓްމަންޓްގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.


ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗާއި އެސްބީއައި މޮރިޝަސް ބްރާންޗްގެ އިތުރުން ކޮމާޝަލް ބޭންކް އޮފް ސިލޯނަށް، އެކު ޖުމްލަ 45 މިލިއަނަށް ވުރެ ގިނަ ޑޮލަރު (699 މިލިއަން ރުފިޔާ) ދައްކަން އަތަމާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އެ ކުންފުނިން އެ ބޭންކްތަކުން ނަގާފައި ހުރި ލޯނުތަކަށް ފައިސާ ނުދައްކައިގެން ދައުވާ ކުރުމުންނެވެ.

އެ މައްސަލަ އަތަމާ އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2014 ގައި ހައި ކޯޓުން ވެސް ވަނީ ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އެ މައްސަލަ އަތަމާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ނިންމީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ދަށު ކޯޓުން އަތަމާ ކުންފުންޏާއި އެ ލޯނުތަކަށް ގެރެންޓީ ދިން ފަރާތްތަކުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ހަތް މަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.

އެ ފައިސާ ނުދައްކައިފި ނަމަ، އެ ލޯނުތަކަށް ރަހުނު ކޮށްފައިވާ ކިހާދުއްފަރު ރިސޯޓާއި މާވެލާވަރު އައިލެންޑް ރިސޯޓާއި އެތަނުގައި ހުރި މުދާ ވިއްކާލުމުގެ ހުއްދަ އެ ލޯނުތައް ދޫކުރި ބޭންކްތަކަށް އޮންނާނެ ކަމަށް ވެސް ދަށު ކޯޓުން ކަނޑައެޅި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި އެސްބީއައިގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.