އެމްއެމްޕީއާރުސީގެ މައްސަލަ ފަޅާއަރައި، ތަހުގީގަށް އެ އޮފީސް ބަންދުކޮށްފައި -- ފައިލް ފޮޓޯ: މިހާރު
14 ފެބުރުއަރީ 2019 - 10:47
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ފުލް ރިޕޯޓު އެ ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.
މި ރިޕޯޓުން ދައްކަނީ ދިވެހި ރައްޔިތުންގެ ފައިސާ އާއި މުދަލަށް ގަސްދުގައި ބަޔަކު ހިޔާނާތްތެރިވެފައިވާ މިންވަރާއި މަކަރާއި ހީލަތުގެ ރޭވުންތަކެވެ.
ހަތް ސަތޭކަ އަށް ވުރެ ގިނަ ސޮފްހާގެ މި ރިޕޯޓްގައި ގަވައިދާ ހިލާފަށް ދީފައިވާ ދޫކޮށްފައިވާ ރަށްތަކާއި އެ ރަށްތައް ދޫކޮށްފައިވާ ފަރާތްތަކާއި އިކުއިޒިޝަން ކޮސްޓަށް ވީ ގޮތާއި އެ ފައިސާ ގޮސްފައި ހުރި އެކައުންޓްތަކުގެ ތަފުސީލުތައް ހިމެނެ އެވެ.
ހިޔާނާތުގެ މިންވަރު 1.3 ބިލިއަނަށް އަރަނީ ޑޮލަރުން ލިބެން ޖެހޭ ފައިސާގެ އިތުރުން އެމްއެމްޕީއާރުސީގެ ދިވެހި ފައިސާ އިން އެސްއޯއެފާއި މިލީނިއަމް ކެޕިޓަލުން ނަގާފައިވާކަން 203 މިލިއަން ރުފިޔާ ހިމަނައިގެންނެވެ.
އޭސީސީން މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 57 ރަށެއްގެ މައްސަލަ ވަނީ ބަލައިފަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ވަނީ ވަރަށް ބޮޑު ހިޔާނާތެއް ވެފަ އެވެ. އެގޮތުން އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.
އެހެންކަމުން ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީއަށް ނުލިބި 65 މިލިއަން ޑޮލަރު އެބަ އޮތެވެ. އަދި ވަދެފައިވާ އާމްދަނީގެ ތެރެއިން ވެސް އެސްއޯއެފް އާއި މިލީނިއަމް ކެޕިޓަލަށް ބޮޑު ބައެއް ދީފައިވެ އެވެ.
- ތަހުގީގު ފެށީ އޮކްޓޯބަރު 27، 2015
- ތަހުގީގު ފުރިހަމަކުރުމަށް ފަހު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ އޮގަސްޓް 10، 2017
- މިހާތަނަށް އޭސީސީން ކުރި އެންމެ ބޮޑު އެއް ތަހުގީގު
- ތަހުގީގުގައި 36 މީހަކު ބައިވެރިވި
- 118 ފަރާތެއްގެ ބަޔާން ނެގި
- ބަޔާންތައް ނަގަން 700 އަށް ވުރެ ގިނަ ގަޑިއިރު ނެގި
- 5681 ޑޮކިއުމެންޓް ދިރާސާކޮށް، އެނަލައިޒްކުރި
- 163 ފަރާތެއްގެ 28،448 ބޭންކް ލިއުންތަައް ބަލައި ދިރާސާކުރި
އެސްއޯއެފްގެ ވަގު މުއާމަލާތްތައް ހިންގީ ހަމައެކަނި ޑޮލަރަކުން ނޫނެވެ. އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ރުފިޔާ އެކައުންޓުން 127 މިލިއަން ރުފިޔާ ވެސް އެސްއޯއެފް އަށް ދޫކޮށްފައިވެ އެވެ. މިލީނިއަމް ކެޕިޓަލަށް 38 މިލިއަން އަދި އެ ކުންފުނީގެ ވެރިޔާ ހާމިދު އިސްމާއިލް (ހާމިދުސޭޓު) އަށް 38 މިލިއަން ރުފިޔާ ދީފައިވެ އެވެ.
ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ފައިސާ ވަން ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ނަންތަކާއި ތަފްސީލު ވެސް ހިމެނެ އެވެ.
ރިޕޯޓުން އެނގޭ ގޮތުގައި ބައެއް ރަށްރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ދައްކާފައި ވަނީ ދައްކަން ޖެހޭ މިންވަރަށް ވުރެ މާ ބޮޑުކޮށެވެ. މިސާލަކަށް އދ. ފުށިދިއްގަރު ދިނުމަށް އެކިއުޒިޝަން ކޮސްޓަށް ދަައްކަން ޖެހެނީ 3 މިލިއަން ޑޮލަރެވެ.
މި ކަހަލަ ކިތައްމެ ރަށަކާއި ފަޅެއް ހިމެނެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑީގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބޭނުންކުރައްވާފައި ވަނީ، ކުރިން ވެސް އެނގޭ ގޮތަށް، އެސްއޯއެފް އެވެ. އެގޮތުން ރިޕޯޓުން ހާމަވާ ގޮތުގައި ބައެއް ފަޅުތަކާއި ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ވެސް އެސްއޯއެފްގެ އެކައުންޓަށް ވަދެފައިވެ އެވެ.
"އެ ރަށްރަށާއި ފަޅުތަކުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ނަގާފައިވާ ފައިސާ ދައުލަތުގެ އެކައުންޓްތަކަށް ޖަމާކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުންޏެއް ކަަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކަށް ޖަމާކޮށްފައި" ވާ ކަމަށް، ވަކި ރަށްރަށާއި ފަޅުތަކުގެ ނަން ވެސް ޖަހައިގެން ނެރުނު ރިޕޯޓްގައި ބުނެފައިވެ އެވެ.
އެސްއޯއެފްގެ މައްސަލާގައި ރާއްޖޭގެ އެންމެ ބޮޑު ބޭންކް ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް އޭސީސީން ގަބޫލުކުރާކަން ރިޕޯޓުން އެނގެ އެވެ. އެގޮތަށް ލިއެފައި ވަނީ އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރަން ޖެހޭ 22.1 މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި އޮތުމުންނެވެ. އެގޮތަށް ބީއެމްއެލްގެ ބައެއް މުވައްޒަފުން ކަން ކުރީ، ރިޕޯޓު ބުނާ ގޮތުގައި، ޒިޔަތު އެ ޗެކްތައް އެންޑޯޒްކުރައްވަން، ސޮއިކުރައްވާފައި އޮތުމުންނެވެ.
ބީއެމްއެލްގައި އެސްއޯއެފުން ހުޅުވާފައިވާ އެކައުންޓަށް "ޖުމްލަ 22،145،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައި ވާތީ އެކަމުގައި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭތީ މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ނިންމި" ކަމަށް ރިޕޯޓުގައި، އޭސީސީން ބުނެފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ބޯޑުން ފާސްކޮށްފައި އޮތް ގޮތުން ނަމަ ޒިޔަތު އެކަނި ސޮއިކުރައްވައިގެން އެ ކުންފުނީގެ ޗެކެއް އެންޑޯޒައެއް ނުކުރެވޭނެ އެވެ. ޒިޔަތުގެ އިތުރުން އެމްއެމްޕީއާރުސީގެ އެހެން ހަތަރު ވެރިޔަކު ވަނީ ސޮއިކުރަައްވާ ބޭފުޅުންގެ ތެރޭގައި ހިމަނައިފަ އެވެ. އެހެންކަމުން ޒިޔަތުގެ އިތުރުން އެއިން ކޮންމެ ޗެކެއްގައި އެތަނުން އެހެން ބޭފުޅަކު ވެސް ސޮއިކުރައްވަން ޖެހޭނެ އެވެ.
"އެމްއެމްޕީއާރުސީ ނޫން އެހެން އެކައުންޓްތަކަށް ޖަމާކޮށްފައިވާ ޗެކްތައް ޖަމާކޮށްފައި ވަނީ އެންމެ ފަރާތަކުން [ޒިޔަތު އެކަނި] ޗެކްތައް އެންޑޯޒްކޮށް ސޮއިކޮށްގެންކަން" އެނގޭ ކަމަށް، ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ އިތުރުން ޒިޔަތު ވަނީ ބޮޑެތި އެހެން މަކަރުތައް ވެސް ހައްދަވައިފަ އެވެ. އެގޮތުން ބައެއް ރަށްރަށް ދޫކޮށްފައި ވަނީ އެމްއެމްޕީއާރުސީއަށް އެކިއުޒިޝަން ކޮސްޓަށް ވާ ފައިސާ ދައްކާފައި ކަމަށް ދޭހަވާ ގޮތަށް ލިއުންތައް ހުއްޓަސް، ހަގީގަތުގައި އެއިން އެއްވެސް ފައިސާއެއް ދައުލަތަށް ވަދެފައި ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ. އެގޮތުން ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއް ރަށަކީ ޓީއެޗްއެސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި އދ. ހީންފަރެވެ. އެ ރަށަށް ދައްކަން ޖެހޭ 150،000 ޑޮލަރު، އެމްއެމްޕީއާރުސީ އަށް ވަދެފައިވާ ކަމަށް، ޒިޔަތް ރިސިޓް ހައްދަވާފައި އޮތަސް، އެއީ ދައްކާފައިވާ ފައިސާ ނޫން ކަމަށް، އޭސީސީގެ ރިޕޯޓް ބުނެ އެވެ.
އެ މަކަރާއި ހީލަތުގެ ތެރެއިން ދޫކޮށްފައިވާ އަނެއް ތަނަކީ ސީހައުސް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް ކ. އަތޮޅުން ދިން ފަޅެވެ. އެ ފަޅުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ސީއައިސީއޯ ނަމަކަށް ކިިޔާ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސްގެ ޗެކަކުން ދެއްކި ކަމަށް، އެނގެން އޮތް ނަމަވެސް އެއީ މަކަރެއްކަން ރިޕޯޓުން ދައްކަ އެވެ.
ތަހުގީގަށް ބިނާކޮށް ރިޕޯޓްގައި ވަނީ "ސީއައިސީއޯ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްގައި އެވަރުގެ ބެލެންސެއް ނެތްކަން ފާހަގަކުރެވޭ" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ
17 February 2019
ހިިޔާނާތުގައިި ބައިިވެރިިވާ އެންމެންނަށް އަދަބު ލިިބެންހެޖެހޭ!
ކަލާދޭ
16 February 2019
ލަދެއްނެތި އަތްދިމާކުރުމީ ތިމާގެ އެދުންތަކާމެދުގައި ހިނގާގޮސް އަނެއްކަކުގެ ގާތަށް ކަމެއްތޯ ހުތުރު ނުވެދާނޭ.
މަރުމޯލު
14 February 2019
އުމަރު ނަސީރު ހުންނެވީ ހުދުވަލުގަ ހިފަހައްޓަވައިގެން، އެހެންނޫންތޯ؟ އެކަމަކު ޕާޓީތަކުގެ އިސްވެރިން؟ ހަހަހަހަ
ކަނބިލި
14 February 2019
އޭސީސީގެ ވެރިންގެ މައްސަލަތައް މަޖްލިހުން ބަލަންޖެހޭ. އެތާނގެ ބައެއް ވެރިން ކޮންގޮތަކުންތޯ ބޮޑެތި ވިޔަފާރިތައް ކޮށް ނުބައްދަލު މުއްސަނދިކަން ހޯދީ
ގަރާރު ނަންބަރު އެކެއް
14 February 2019
މީގެ ފަހުން ސިޔާސީ ބޭފުޅުން ރައްޔިތުން ގުނބޯ ހައްދަވަން ޕޯޑިއަމްތަކަށް އަރާވަޑައިގަންނަވާއިރުގަ އެބޭފުޅެއްގެ 3މަސް ހަމަ ނުވާ ޞައްޙަ މާލީބަޔާނެއް ފަހަތުގަ ހުންނަ ސުކުރީނުން ޕުރޮޖެކްޓަރެއް މެދުވެރިކޮށް ރައްޔިތުންނަށް ފެންނާނޭހެން ބެހެއްޓެވުމަށްފަހު ނޫނީ ރައްޔިތުން ގުނބޯ ހައްދަވަން ނުފެށުމަށް ދަންނަވަން.
ތާރޭ
14 February 2019
އޭސީސީ އަދި އެޗްއާރުސީއެމް މީ ދައުލަތުުގެ ފައިސާބއިސްރާފް ކޮށް ނުހައްޤު މަންފާ ހޯދަން ހަދާފަ ތިބި ތަންތަންހެން ހީވާކަހަލަ އެއްކަލަ ރައްޔިތުންގެ މަޖިލީހަށް ހޮވާފަ ތިބި މެމްބަރުން ރައްޔިތުންގެ ހައްޤުގަ މިނިވަން މުވައްސަސާސަތައް ޒިންމާކުރުވާ ތަނެއް ނުފެނޭ އަބަދުވެސް އެމީހުން ބަލަނީ އެމީހުންނަން ސިޔާސީ ނޫނީ މާލީ މަންފާޔެއް ލިބޭނެ ގޮތެއް އޮތްތޯ މީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާކަމެއްާ
ކާޖާ
14 February 2019
700 ސަފްހާގެ ރިޕޯޓުންވެސް ހަގީގަތުގައި މަންޒަރު ސާފެއް ނުވެއެވެ.
ޚިޔާނަތް
14 February 2019
.މިހާރު ރާގު ބަދަލުކޮށްލީ ސަރުކާރުގެ ތެރޭގާ ހިމެނޭ މީހުން ކޮރަފުޝަނުގާ ބައިވެރިވެފާ ވާތީ މައްސަލަ ނުބަލަންވީ މި ވަކި ކޮންކަމެއް ކުރެވެނީ ތީވެސް ކޮރަފުސަނެއް ނޫންބާ!
ޥިސްނާ
14 February 2019
ދިވެހިންނޭ، މި މަކަރާހީލަތުން ބަހާފަހުރި ރަށްތަކާ ފަޅުތަށް ހޯދުމަށް ފަރުދީގޮތުން ކުރެވެންހުރިހުރިހާ ކަމެއް ކުރުމަށް ނިކުންނަމާހިނގާ، އެހެންނޫނީ މިތަންތަން ބެހިމީހުނާ ލިބުނު މީހުން ރިޒޯޓުއޯނަރު ހެދިފަ އަހަރުމެންގެ ދަރިންގެ މަސްތަގުބަލަށް ފައިން އަރާނީ، މިމީހުން ނުދަނޭ މިހެންހޯދާމޮޅުން ލިބޭ އެއްޗެތިން އަނބިދަރިންނަށް ކާންދިނީމަ މިކާންދެވެނީ އަލިފާން ކަމެއް، މީދެންބޮޑުވަރު
މިލޭ
14 February 2019
މިލޭނިއަމް އަކީ ކޮންބައެއްގެ ކުންފުންޏެއް؟