ޖޭޕީގެ ޓިކެޓު ދޫކޮށްލައި އަހުމަދު މޫސާ އަމިއްލަ ގޮތުން މަޖިލިހަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މޫސާ އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓު ކުރިން ދީފައި އޮތް ނަމަވެސް އެ ޓިކެޓު ދޫކޮށްލައްވައި، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އޭނާ ނިންމަވައިފި އެވެ.


ޖޭޕީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު މޫސާ މިއަދު ވިދާޅުވީ، އޭނާ މީގެ ކުރިން ވެސް މަޖިލިހަށް އިންތިޚާބު ވެފައި ވަނީ އަމިއްލަ ގޮތުން ކަމަށާއި އެހެންވެ ދެން ވެސް އެންމެ ރަނގަޅު ގޮތަކީ އެގޮތަށް ވާދަކުރެއްވުން ކަމަށް ފެނިވަޑައިގަތީ ކަމަށެވެ.

"އަޅުގަނޑަށް މި އިންތިޚާބުގައި ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ އަމިއްލަ ގޮތުން ވާދަކުރުން. އެ ނޫން އެއްވެސް ކަމެއް ނެތް. އެންމެ ފަސޭހަ ގޮތް އަޅުގަނޑު އިޚްތިޔާރު ކުރީ،" އޭނާ ވިދާޅުވި އެވެ.

އަހުމަދު މޫސާ ވަނީ 2009-2013 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލިހުގައި ކުރެންދޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ، އަބަދުވެސް ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން އެހީތެރިވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާ އަށް އެމްޑީޕީ އާއި ޕީޕީއެމުން ވެސް ވާދަކުރެ އެވެ.

ކުރެންދޫ ދާއިރާގެ މިހާރުގެ މެމްބަރަކީ އެމްޑީޕީގެ އަބްދުލްބާރީ އަބްދުﷲ އެވެ. އެކަމަކު އޭނާ މި ފަހަރު ވާދައެއް ނުކުރައްވަ އެވެ.