އަނިޔާގެ ހިތްދަތިކަމުން ނާޒިމަށް އައި ވިސްނުން!

ނުހައްގުން ހައްޔަރުކޮށް، ބޭއިންސާފު ޝަރީއަތަކާ ހެދި އޭނާ އަށް ކުރިމަތިވެވަޑައިގެންނެވި ފަދަ އަނިޔާ، އެހެން އެއްވެސް މީހަކު ތަހައްމަލު ކުރާކަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭނުމެއް ނުވެ އެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ތަޖުރިބާކުރި އަނިޔާތަކާއި އުނދަގޫތައް ވީ އޭނާގެ ސިޔާސީ މަސައްކަތް މުޅިން އާ ދިމާއަކަށް އަނބުރާލައްވަން މަޖުބޫރުވި ކުރުވި ކަމަކަށެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމުގެ ވިސްނުން ނާޒިމަށް އައީ، އޭނާ ވިދާޅުވި ގޮތުގައި، އެ ހިތްދަތިކަމާ ހެދި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނާޒިމް ޖަލަށް ލީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގަ އެވެ. ތިން އަހަރު ޖަލުގައި އޮންނެވުމަށް ފަހު އޭނާ މިނިވަންވީ، އެ މައްސަލަ އަލުން ބެލުމަށް ފަހު ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

ނާޒިމް "މިހާރު" އަށް ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ހަގީގަތެއް ނެތް އިލްޒާމް އަޅުވައި ހައްޔަރުކުރުމުން ވަރަށް ހިތާމަކުރެއްވި ކަމަށެވެ. ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ ތެރެއިން އަޑު އުފުއްލެވުމުގެ ވިސްނުން އައީ ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު މިނިވަންވި ނާޒިމް ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ދަގެނތީ ދާއިރާ އަށް ވާދަކުރައްވައި ބޮޑު ތަފާތަކުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. ހަ ކެންޑިޑޭޓަކާ ވާދަ ކުރެއްވި ނާޒިމަށް 1،071 ވޯޓު ލިބިވަޑައިގަތެވެ.

"މި ކާމިޔާބީ އަކީ ރައީސް ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ލިބުނު ކާމިޔާބީއެއް. ސަރުކާރަށް އެއްބާރުލުން ދީގެން ދާއިރާގެ ކުރިއެރުމާއި ތަރައްގީ އަށް އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑުގެ އަމާޒަކީ ދާއިރާގެ ރައްޔިތުންނަށް ހުށަހެޅި ކަންކަން ފުރިހަމަ ކުރުން،" ނާޒިމް

ނާޒިމް ވިދާޅުވި ގޮތުގައި ގައުމަށްޓަކައި އޭނާ ކޮށްދެއްވި ޚިދުމަތް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކަކީ ބޮޑު ތަފާތަކުން ދަގެނތީ ދާއިރާ އަށް އޭނާ އިންތިޚާބު ކުރެއްވުމެވެ.

ނާޒިމް ވިދާޅުވީ އޭނާއާ މެދު ޔާމީން ހިތްހަމަޖެހިވަޑައިނުގަތީ ސަރުކާރުން އޭރު ހިންގި ޚިޔާނާތާއި ވައްކަމާ ދެކޮޅު ހެއްދެވުމުން ކަމަށެވެ. އެ އަމަލުތަކަށް ފާޅުގައި "ނޫނެކޭ" ވިދާޅުވާން ފެއްޓެވުމަކީ ޖަލަށް ލުމަށް މަގުފަހިވި ސަބަބު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން ޖަލަށް ދާން ޖެހުނީ. ރައްޔިތުން މި އިންތިޚާބުގައި ވެސް އޮތީ އެ ކަންކަމަށް ނޫނެކޭ ބުނެފައި،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އޭނާ ދެމިހުންނަވާނީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް އެއްބާރުލުން ދެއްވައި ސަރުކާރު ދަމަހައްޓަވަން މަސައްކަތް ކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.

"މި ކާމިޔާބީ އަކީ ރައީސް ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ލިބުނު ކާމިޔާބީއެއް. ސަރުކާރަށް އެއްބާރުލުން ދީގެން ދާއިރާގެ ކުރިއެރުމާއި ތަރައްގީ އަށް އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑުގެ އަމާޒަކީ ދާއިރާގެ ރައްޔިތުންނަށް ހުށަހެޅި ކަންކަން ފުރިހަމަ ކުރުން،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރު ނާޒިމް ވިދާޅުވި އެވެ.

ދަނގެތި ދާއިރާގައި ބޭއްވި ހަރަކާތެއްގައި ނާޒިމް މީހަކާ ސަލާމް ކުރައްވަނީ.

އޭނާ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެހީތެރިކަން ވެސް ލިބިވަޑައިގެން ކަމަށެވެ. އެއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެއްބާރުލެއްވުމާ އެކު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިލިޓަރީގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަަދި އެ ދާއިރާ ގައި މަތީ ފެންވަރުގެ ކޯސްތަކާއި ތަޖުރިބާ ހޯއްދަވާފައިވާ ނާޒިމަކީ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އެ ސަރުކާރުގެ އެއް މުގުލެވެ. އަދި، އޭގެ ކުރިން ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް އެންމެ ސީނިއާ އެއް ބޭފުޅަކީ ނާޒިމެވެ.