ޖުމްހޫރީ ޕާޓީގެ ޓިކެޓު ހޯދުމަށް 97 މީހަކު ހުށަހަޅައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް 97 މީހަކު ހުށަހަޅައިފި އެވެ.


ޖޭޕީން ބުނީ، އެ ޕާޓީގެ ޓިކެޓު ހޯދުމަށް ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވިއިރު މަޖިލީހުގެ އެކި ދާއިރާތަކަށް ވާދަކުރުމަށް 97 މީހަކު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ މީހުން ޓިކެޓު ހޯދުމަށް ހުށަހެޅި ދާއިރާތައް ޖޭޕީން އަދި ހާމައެއް ނުކުރެ އެވެ.

ޖޭޕީން ބުނިގޮތުގައި، އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބަށް އެ ޕާޓީގެ ޓިކެޓު ދޭނެ މީހުން ވަރަށް އަވަހަށް ނިންމާނެ އެވެ. ޖޭޕީގެ ޓިކެޓު ދޭނެ މީހުންގެ މައުލޫމާތުތައް އިވެލުއޭޓް ކުރަނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ ފަސް މެމްބަރުންގެ ކޮމިޓީ އަކުންނެވެ. އެކަމަކު، ޓިކެޓު ދޭނީ ޕްރައިމަރީ އަކުންތޯ ނުވަތަ އެހެން ގޮތަކުން ކަމެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވި އެވެ.

"ފަސް މެމްބަރުންގެ ކޮމިޓީ އަކީ ޓިކެޓު ހޯދުމަށް ހުށަހެޅުއްވި ބޭފުޅުންގެ މައުލޫމާތުތައް އިވެލުއޭޓް ކުރާ ކޮމިޓީ. އެ ކޮމިޓީ އަކުން ނުނިންމާނެ ޓިކެޓު ދޭނެ ބޭފުޅުންނެއް،" އޭނާ ވިދާޅުވި އެވެ.

ޖޭޕީން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ 87 ދާއިރާ އަށް ވާދަކުރުމަށް އެ ޕާޓީން ނިންމާފައި ނުވާނެ ކަމަށެވެ.

އަލީ ކުރިން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބުގައި ވެސް އެ ޕާޓީގެ ފުރަތަމަ ވިސްނުމަކީ މަސްލަހަތު ކުރިއަށް ނެރުމެވެ. އެއާ އެކު، ވެފައި އޮންނަ އެއްބަސްވުންތަކަށް އިހްތިރާމް ކުރުމަކީ ވެސް ޖޭޕީން އަބަދުވެސް ކުރިއަށް ނެރޭ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ޖޭޕީގެ ޓިކެޓަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވައިލީ، މި ސަރުކާރު ހިންގާ އިއްތިހާދުން ގުޅިގެން އެ އިންތިޚާބުގައި ވާދަކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އާދެވިފައި ނުވަނީސް އެމްޑީޕީން ހުރިހާ ދާއިރާ އަކަށް ކުރިމަތިލާން ނިންމުމުންނެވެ.

އެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ މަޖިލިހުގެ ދާއިރާތަކަށް ކޯލިޝަނުން ގުޅިގެން ވާދަކުރުމާ މެދު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު އެއްބަސްވުމެއް އޮއްވައި އެ އަށް ނުބަލައި ކުރިއަށް ދިއުމަކީ ކޯލިޝަންގައި މައްސަލަ އުފެދޭނެ ސަބަބެއް ކަމަށެވެ.

އެ މައްސަލަ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހައްލެއް ހޯއްދަވައި ނުދެއްވުނު ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސްއާ ނޫސްވެރިން އިއްޔެ ސުވާލު ދެންނެވުމުން ވިދާޅުވެފައި ވަނީ ކޯލިޝަންގައި މައްސަލައެއް ނޫޅޭ ކަމަށެވެ. އަދި ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ސަރުކާރު މެޖޯރިޓީ އޮތް މަޖިލިހަކަށް ކަމަށެވެ.