ޔާމީން ހައްޔަރުކުރުމުގެ އަމުރު އިސްތިއުނާފުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.


ޔާމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް އަމުރު ނެރުއްވީ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން އުޅުއްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނުމުންނެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުންގެ ފަރާތުން މިއަދު ބުނެފައި ވަނީ ޔާމީން ހައްޔަރު ކުރުމުގެ އަމުރު މިއަދު އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައިގެން ކަމެއް އަދި ނޭނގެ އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އިއްޔެ ޝަރީއަތް ފެށިއިރު ދިފާއުގައި ވާހަކަ ދައްކަަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ އެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން އެނގިވަޑައި ވެސް ނުގަންނަވާ ކަމަށެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާއިން އެމަނިކުފާނު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާއިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. އެ އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ.

އެގޮތުން އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެއީ އެމްއައިބީގެ އެކައުންޓްގައި ހުރި ފައިސާކަން ދައްކަވަން އޮޅުވާލެއްވީ ކަމަށް ބަލައި، އެކަން ދައުލަތުން ފައްތަނީ މަނީ ލޯންޑަރިން އަށެވެ.

މަނީ ލޯންޑަކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު، އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ވެސް ދައުވާ އުފުލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދައުވާ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ އުފުލައިފަ އެވެ.