ލަންކާ އެއާޕޯޓުގައި ތާށިވި ދިވެހިން އެހެން ބޯޓެއްގައި ބެންކޮކަށް

ބެންކޮކް އެއާވޭސްގެ މަތިންދާބޯޓެއްގައި ތައިލެންޑަށް ދަތުރުކުރަނިކޮށް ބޯޓަށް ޖެހުނު މައްސަލައަކާ ގުޅިގެން އެ ގައުމަށް ނުދެވި ސްރީ ލަންކާ އެއާޕޯޓުގައި ތާށިވި ދިވެހިން އެހެން ބޯޓެއްގައި ބެންކޮކަށް މިއަދު ގޮސްފި އެވެ.


"މިހާރު" އާ ވާހަކަ ދެއްކި ދަތުރުވެރިޔަކު ބުނީ ބެންކޮކް އެއާވޭސްގެ ފްލައިޓް ޕީޖީ 712 އިއްޔެ މާލެ އިން ފުރައިގެން ބެންކޮކަށް ދަތުރު ކުރަމުން ދަނިކޮށް، ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށް ބުނެ، މަތިންދާބޯޓު ލަންކާ އެއާޕޯޓުގައި ޖެއްސިއިރު، ދަތުރުވެރިން ހަ ގަޑިއިރު ވަންދެން ބޯޓުގައި ތިބެން ޖެހުނު ކަމަށެވެ.

އޭގެތެރެއިން ބައެއް ދިވެހިން އަމިއްލަ އަށް ޓިކެޓު ނަގައިގެން ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން މިހާރު ބެންކޮކަށް ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ބާކީ ބޯޓުގައި ތިބި މީހުން، ބެންކޮކް އެއާވޭސް އިން ހަމަޖެއްސި ބޯޓަކުން މިއަދު ބެންކޮކަށް ގޮސްފައިވާ ކަމަށްވެ އެވެ.

"އަޅުގަނޑުމެން ޔޫއެލްގެ ފްލައިޓަކުން ބެންކޮކަށް މިއައީ އަމިއްލަ އަށް ހަރަދުކޮށްގެން ޓިކެޓު ނަގައިގެން. އެއާލައިނުން އެއްވެސް ހަރަދެއް ނުދޭ،" ދަތުރުވެރިޔާ ބުންޏެވެ.

ބެންކޮކް އެއާވޭސްގެ ފްލައިޓުން ދަތުރު ކުރި ދިވެހިންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. އަދި ދިވެހިންގެ ތެރެއިން އެ ބޯޓުގައި މާބަނޑު އަންހެނަކު ވެސް އިނެވެ.

ދަތުރުވެރިން ބުނީ ބޯޓުގައި ގާތްގަނޑަކަށް ހަ ގަޑިއިރު ވެގެން ދިޔައިރު، ކާނެ އެއްޗެއް އެއާލައިނުން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެކަމަކު، ފަހުން އެއާލައިނުން ބައެއް މީހުންގެ އެކޮމަޑޭޝަނާއި ކެއިން ބުއިމުގެ ކަންކަން ހަމަޖައްސައިދިން ކަމަށްވެ އެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުން ބަލާ ނަމަ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ބޯޓު ތެރޭގައި ދަތުރުވެރިންނެއް ނުބޭތިއްބޭނެ އެވެ. އަދި ބޯޓުގައި ދެ ގަޑިއިރު ވެއްޖެ ނަމަ ކާން ދޭން ޖެހެ އެވެ.