އާޒިމާގެ ޕާސްޕޯޓް ހިފަހައްޓައިފި: ޕީޕީއެމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އައިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.


ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީސް އިންތިޚާބާ ދިމާކޮށް، އެ ކޯލިޝަންގެ އިސް ބޭފުޅުންނަށް ސަރުކާރުން ދަނީ ފިއްތުންތައް ކުރިމަތިކުރަމުން ކަމަށެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލީ ވެސް ރޭވުމެއްގެ ދަށުން ކަމަށާއި އަދިވެސް އެ ޕާޓީގެ އިސް ފަރާތްތަކަކަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ ޕީޕީއެމްގެ ނައިބު ރައީސާ އާޒިމާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި. އަދި އޭގެ އިތުރުން ޕީޕީއެމާއި ޕީއެންސީގެ އިސް އެތައް ބޭފުޅެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ބައެއް ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ވެސް އެބަ ލިބޭ،" އަބްދުރަހީމް ވިދާޅުވި އެވެ.

އެ އެ ނިއުސް ކޮންފަރެންސްގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ، އާޒިމާ މި ވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށެވެ. އާޒިމާ ފޯނު ނިންވާލާފައި އޮތުމުން، އޭނާގެ ބަހެއް ނުލިބުނެވެ.

އާޒިމާގެ ޕާސްޕޯޓް ހިފެހެއްޓިކަން އިމިގްރޭޝަނުން ޔަގީންކޮށެއް ނުދިނެވެ. އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ މައުލޫމާތު އިމިގްރޭޝަނުން މީޑިއާ އަށް އާއްމު ނުކުރާ ކަމަށެވެ.

އިމިގްރޭޝަނުން ޕާސްޕޯޓް ހިފަހައްޓަނީ، ކޯޓުގެ އަމުރެއް އޮވެގެންނެވެ.

އާޒިމާގެ މައްޗަށް ވަނީ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެ ދައުވާކުރީ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އާޒިމާ އެހީތެރިވެ، އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

އެ ތަހުގީގަށް އާޒިމާ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ވަނީ މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.