މައްސަލަތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅަކީ ހަގީގީ މާނައިގައި ލާމަރުކަޒުކުރުން: އިމްރާން

ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އަދި ސިޔާސީ އެތައް މައްސަލަތަކެއް ހައްލުކުރަން އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅަކީ ހަގީގީ މާނައިގައި ރާއްޖޭގެ ހިންގުން ލާމަރުކަޒުކުރުން ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ދިވެހީންނަކީ ޒަމާނުއްސުރެ ލާމަރުކަޒުކޮށް ކަންކަން ހަމަޖައްސަމުން ދިޔަ ކަމަށެވެ. ނަމަވެސް ޒަމާނަށް އައިސްފައިވާ ބަދަލުތަކާއި ދައުލަތް ހިންގުމުގެ އުސޫލުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އެކަން ބަދަލުވެގެން ދިޔައީ ކަމަށް ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީއާއެކު ރާއްޖެއަށް ގެނައި މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ އުސޫލަށް ރާއްޖޭގެ ހިންގުން އަލުން އަނބުރާ އިޔާދަކުރެވުން ކަމަށާއި ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލައަށް ނިންމުމުގެ ބާރު ދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް ލާމަރުކަޒީ ގާނޫނުގައި ހުރި ބައެއް އުނިކަންކަމާއި، ގާނޫނުތަކުގައި ހުރި ބައެއް ފުށުއެރުންތަކާއި އަދި އުސޫލީ ކަންކަމުގައި އުފެދިފައި ހުރި ދެބަސްވުންތަކާހުރެ ގާނޫނުއަސާސީ ކުރަހައިދޭ ތަސައްވަރާ އެއް މިންވަރަކަށް މި ރާއްޖޭގެ ކަންކަން ލާމަރުކަޒު ކުރެވިފައި ނެތް ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް،" މިނިސްޓަރު ނެރުއްވި ހިތޯބުގައި ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނު އަލުން އިސްލާހުވެގެން އަންނައިރު އަންނަން ޖެހޭ އެންމެ މުހިންމު އެއް ކުރިއެރުމަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވާނެ ސާފުސާދާ މަގެއް ހޯދުންކަން ފާހަގަކުރެއްވި އެވެ. ސަރުކާރަށް ބަރޯސާނުވެ ރަށްރަށާއި އަތޮޅުތައް ހިންގުމަށް ހިނގާ ހަރަދާއި އާންމު ހިދުމަތްތައް ދިނުމަށްޓަކައި ހިނގާ ހަރަދަށްވުރެ މަދު ނުވާނެ އާމްދަނީއެއް ލިބޭނެ ގޮތެއް ސާފުކޮށް ފެންނަން އޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވިގޮތުގައި ރާއްޖޭގެ މުސްތަގުބަލަށްޓަކައި އަޅަންޖެހޭ މުހިއްމު އެއް ފިޔަވަޅަކީ ހިފެހެއްޓިފައި ހުރި ރައްޔިތުންގެ ބާރުތައް އަލުން އިޔާދަކުރެވުން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ނިންމެވުންތަކުގެ ތެރޭގައި ގާނޫނާ ހިލާފަށް ހިފަހައްޓާާާާާާފައި ހުރި ކައުންސިލްތަކުގެ ބާރުތަކާއި އެ ކައުންސިލަރުންނާ މެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖައާކުރުން ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކައުންސިލަރުންގެ ބާރުތައް ހަނިކޮށް އެމީހުންނަށް އެކި ފިޔަވަޅުތައް އަޅާފައި ވެ އެވެ. އެކަމަކު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ވަނީ އަލުން އެ ބާރުތައް ދެއްވައިފަ އެވެ.