"މިހާރު"ގެ މަޖިލިސް ވެބްސައިޓް، ގިނަ މައުލޫމާތުތަކަކާ އެކު، ލޯންޗުކޮށްފި

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި މީހުންގެ އަދަދު ގިނަކަމުން، އޭގެ ތެރެއިން ހޮވާނެ މީހަކު ނޭނގޭ ވަރު ވެއްޖެ ދޯ އެވެ. ސިޔާސީ ދާއިރާގެ ފަރިތަ މޫނުތައް އެނގުނަސް މުޅިން އަލަށް ކުރިމަތިލައިގެން އުޅޭ މީހުން ވެސް ބައިވަރެވެ. އެއީ ކޮން ބައެއްތޯ ބަލާނެ ފަސޭހަ ގޮތެއް ނެތުމުން "މިހާރު"ން މި ގެނެސްދެނީ އެކަމުގެ ހައްލެކެވެ.


އެއީ ރައްޔިތުންގެ 19 ވަނަ މަޖިލިހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުކުރަންވީ ކެންޑިޑޭޓުން ފަސޭހައިން ދެނެގަނެވޭނެ މައުލޫމާތުތަކާ އެކު ހަދާފައިވާ ވެބްސައިޓެކެވެ.

މަޖިލީހުގެ 87 ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މައުލޫމާތު، ޕްރޮފައިލްތަކާއި ޚަބަރުތަކުގެ ގޮތުގައި މި ވެބްސައިޓުން ގެނެސްދޭނެ އެވެ. މީގެ އިތުރުން ކެންޑިޑޭޓުން ހޮވުމުގައި ރައްޔިތުންނަށް ބޭނުންވާނެ މައުލޫމާތު ވީޑިއޯ އާއި އިންފޮގްރެފިކްސް މެދުވެރިކޮށް ވެސް ގެނެސްދޭނެ އެވެ.

އެންމެ ހާއްސަ އެއް ކަމަކީ ކޮންމެ ކެންޑިޑޭޓަކަށް ހާއްސަ ޕޭޖެއް މި ސެކްޝަނުގައި ހިމެނުމެވެ. ކެންޑިޑޭޓަށް ހާއްސަ ޕޭޖްގައި އެ ކެންޑިޑޭޓަކާ ބެހޭ މައުލޫމާތާއި އެ ކެންޑިޑޭޓަކާ ގުޅޭ ޚަބަރުތަކާއި އެހެން ބައެއް މައުލޫމާތު ހިމަނައި، ކެންޑިޑޭޓާއި އާންމުންނާ ގުޅުވާލަދޭނެ އެވެ. އެގޮތުން، ރާއްޖޭގައި މި ވަގުތު ތިބި ނޫސްވެރިކަމުގެ އެންމެ ތަޖުރިބާކާރު ޓީމުން އުފައްދާ މި ކޮންޓެންޓްތައް ސޯޝަލް މީޑިއާގެ ވަސީލަތައް މެދުވެރިކޮށް ފޯރުކޮށްދޭނެ އެވެ.

މި ޚާއްސަ ސައިޓްގައި ތަފްސީލީ މައުލޫމާތު ހިމަނަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން "މިހާރު"އާ ގުޅިގެން ކެންޑިޑޭޓާ ބެހޭ ހާއްސަ ޕްރޮފައިލާއި ވީޑިއޯ ހިމެނުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ޝައުގުވެރިވާ ކެންޑިޑޭޓުން election@mihaaru.com އަށް އީމެއިލް ކުރެއްވޭނެ އެވެ.

"މިހާރު"ން ލޯންޗުކުރި މަޖިލިސް ސެކްޝަން 24 ގަޑިއިރު އަޕްޑޭޓް ކުރަމުން ދާނެ އެވެ. އެގޮތުން ކެމްޕޭނާއި ކެންޑިޑޭޓުންނާ ބެހޭ ޚަބަރުތަކާއި އިންތިޚާބާ ގުޅުން ހުރި މުހިންމު ހުރިހާ މައުލޫމާތެއް ގެނެސްދޭނެ އެވެ.

އިންތިހާބަށް ފަހު މި ވެބްސައިޓް ވެގެން ދާނީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ދާއިރާ ތަމްސީލުކުރާ ކެންޑިޑޭޓަކާ ބެހޭ މައުލޫމާތު ހޯދައި މެންބަރު ޖަވާބުދާރީކުރުމުގައި ބޭނުންކުރެވޭނެ މައުލޫމާތު ހިމެނޭ ވަސީލަތަކަށެވެ. މިހާރުގެ މަޖިލިސް ވެބްސައިޓުގެ އެޑްރެހަކީ https://majlis19.mihaaru.com/ އެވެ.