އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާ ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމްގެ ކެމްޕެއިން ޖަގަހަ އަށް ރޭ ބަޔަކު ގެއްލުންދީފި އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި މި ފަހަރުގެ އާންމު އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކުރީގެ ޔޫތު މިނިސްޓަރުގެ ކެމްޕެއިން އޮފީހުން ބުނީ ޖަނަވަރީ ހިނގުމުގައި ހުންނަ އެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި ޕޯސްޓަރުތަކެއް ވީދާލާފައިވާ ކަމަށެވެ. އެ ކަންތައް ކޮށްފައިވަނީ ރޭ ދަންވަރު 2:00 ގެ ފަހުން ކަމަށް ވެސް ޖަގަހައިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ދަންވަރު 2:00 ގައި ވެސް ޖަގަހަ އަށް ދިޔައިން. އޭގެ ފަހުން ބިއްލޫރިގަނޑު ތަޅާލާފައި ވަނީ. އެކަން މި އެނގުނީ ހެނދުނު ޖަގަހަ އަށް ދިޔައީމަ،" އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް ބައެއް ކެންޑިޑޭޓުންގެ ޖަގަހައަށް ގެއްލުންދީފައި ވެ އެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މީކާއިލް ނަސީމްގެ ޖަގަހަ އަށް ގެއްލުންދީ އޭނާއަށް މަރުގެ އިންޒާރުދީފައި ވެ އެވެ.

ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް އަށް ބޭފުޅަކު ފޯމު ހުށަހަޅުއްވާފައި ވެ އެވެ.