ވިހެއުމުން ދޭ ޗުއްޓީ އެމްޕީއެލުން ވެސް ހަ މަހަށް އިތުރުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ މުވައްޒަފުންނަށް ވެސް ވިހެއުމުން ދޭ ޗުއްޓީ މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.


އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ދަރިއަކު ލިބުމުން އަންހެން މުވައްޒަފުންނަށް މުސާރައާއެކު ހަ މަހުގެ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ފިރިންނަށް އެއް މަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް ބުންޏެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް ދަރިއަކު ލިބުމުން ލިބޭ ޗުއްޓީ އިތުރުކުރިކަން އިއުލާނުކޮށްދެއްވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ސިޓްރަން ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.

އެ ހަފުލާގައި ޝާހިދު ވިދާޅުވީ މާބަނޑު ދުވަސްވަރު މުވައްޒަފުންނަށް މަސައްކަތުގައި ލުއިގޮތްތަކެއް ހަމަޖެއްސުމަށް މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ. މާބަނޑު މުވައްޒަފުންނަށް ވަރަށް އަވަހަށް ފަސޭހަ ގަޑިތަކެއް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

ދަރިއަކު ލިބުމުން ދޭ ޗުއްޓީއަށް ގެނައި ބަދަލު، މިވަގުތު ޗުއްޓީގައި ތިބި މުވައްޒަފުންނަށް ވެސް ލިބޭނެ އެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަހަށް އިތުރުކުރިކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭގެ ފަހުން ކުންފުނިތަކުން ވެސް އަންނަނީ ވިހެއުމުން ޗުއްޓީ ދޭ މުއްދަތު އިތުުރުކުރަމުންނެވެ.

ވިހެއުމުން އަންހެނުންނަށް ލިބޭ ޗުއްޓީ އިތުރުކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުރިހަމަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތްދެއްވި ވައުދެކެވެ.