ސިއްހީ މަރުކަޒުތަކުގައި ޕްރައިވެޓް ރޫމްތައް ހަދަނީ

އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ޕްރައިވެޓް ރޫމްތައް ހަދަން ނިންމައި، ބައެއް ރަށްރަށުގައި އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.


އެ މިނިސްޓްރީން ބުނީ އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކާއި އިތުރަށް ތަރައްގީކުރާ ހެލްތު ސެންޓަރުތަކުގައި އެތަންތަނާ އެކަށީގެންވާ ވަރަކަށް ޕްރައިވެޓް ރޫމް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ނ. ވެލިދޫ، ޅ. ހިންނަވަރު، ދ. ކުޑަހުވަދޫ، ނ. މަނަދޫ އަދި ބ. އޭދަފުށީގައި ޕްރައިވެޓް ރޫމް ހަދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޕްރައިވެޓް ހަދާ އަޅާ ރަށްތަކުގެ ތެރެއިން ހިންނަވާރާއި ވެލިދު އަކީ އަލަށް ހޮސްޕިޓަލް އިމާރާތްކުރާ ދެ ރަށެވެ.

އެ ދެ ރަށުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން އަޅަންޖެހޭ އިމާރާތްތައް ޑިޒައިންކޮށް، ކުރަހައި، ބިލް އޮފް ކުއަންޓީޓީ އާއި ޓެންޑަ ޑޮކިޔުމެންޓް ހަދާނެ ފަރާތްތައް ހޯދަން މި މަހުގެ ފަސް ވަނަ ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ. މި ކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ގަ އެވެ.

އަތޮޅުތަކުގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބައެއް އަތޮޅު ހޮސްޕިޓަލްތަކަށް އިމާރާތްތައް އިތުރުކުރަން ވެސް މި ސަރުކާރުން ކަނޑައަޅައި، ބައެއް މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން ވަނީ ނިންމައިފަ އެވެ. އެގޮތުން މަނަދޫ އަތޮޅު ހޮސްޕިޓަލް، އޭދަފުށީ އަތޮޅު ހޮސްޕިޓަލް އަދި ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލުގައި އަޅާ އާ އިމާރާތް ޑިޒައިންކޮށް ކުރެހުން، ބިލް އޮފް ކުއަންޓީޓީ އަދި ޓެންޑަ ޑޮކިޔުމެންޓް ހަދާނެ ބަޔަކު ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

އަތޮޅުތަކުގައި ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް، މާލެ އަށް ހިޖުރަކުރާ މީހުންގެ އަދަދު މަދު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.