ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފުލުހުންގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އިސްކަންދަރުކޮށީގައި ބޭއްވެވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގެ ތަފުސީލެއް ފުލުހުން އަދިއެއް ނުދެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު، އެ މުއައްސަސާ އިސްލާހުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މުހިއްމު ބަދަލުތަކާއެކު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން މި މަހުގެ 29 ވަނަ ދުވަހު އިފުތިތާހު ކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ފުލުހުންނާ ގުޅޭ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތަށް އާއްމުންގެ ހިޔާލު ފުލުހުންގެ އިދާރާ އަށް ވަނީ ހޯދައިފަ އެވެ. އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް ފޯރަމްތައް ވެސް ބާއްވާފައި ވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުލުހުން ބޭނުންކުރީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެހެންވެ އެ މުއައްސަސާއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވެ އެވެ.