ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ރައީސް

ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް ކުރިއަށް އޮތް ފަސް އަހަަރުގެ ތެރޭގައި އެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.


ހުޅުމާލެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައިި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ މީހުން އެންމެ ބޭނުންވާ ކަންކަން ބައްލަވާފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ތިބީ ބޯހިޔާވަހި ކަމަށާއި ވަޒީފާގެ ފުރުސަތަށް ބޭނުންވެފައި ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގައި އުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހޯދައިދިނުމަށް ފެށި ހުޅުމާލޭގެ މަޝްރޫއުގެ މަގުސަދު ވެސް ހާސިލްނުވާ ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ހަމައަށް ދިޔައިރު ވެސް އެކަމަށް ހައްލެއް ނުލިބޭކަން ފާހަގަކުރެއްވި އެވެ.

ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އިރާދަކުރެއްވިއްޔާ މި ސަރުކާރުން، ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ބޯހިޔާވަހިކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފޯރުކޮށްދޭނަން. އެއީ ވެށިފަހި މަޝްރޫއަށް ވިއަސް، ހިޔާ މަޝްރޫއަށް ވިއަސް އެއިން ގޯއްޗަކަށް، ފްލެޓަށް އެދިފައި ތިބި ކޮންމެ ފަރާތަކަށް ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން،" ރަައީސް ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް އަމާޒުކޮށް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އާ މަޝްރޫއެއް ފަށާނެ ކަމަށާއި އެއީ މިހާރަށްވުރެ ހެޔޮ، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގި ވެށިފަހި މާލެ މަޝްރޫއުގައި ފްލެޓު ނުލިބި ތިބި އެންމެންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ފަހުން ފްލެޓު ދޭނެ ކަމުގެ ޔަގީންކަން ނަޝީދު ރޭ ވަނީ ދެއްވައިފަ އެވެ. އެކަމަކު، ނަޝީދު ވިދާޅުވި ގޮތުގައި އެކަން ކުރެއްވޭނީ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބިގެންނެވެ.

މާލެ ސަރަހައްދަށް އަމާޒުކޮށް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އާ މަޝްރޫއެއް ފަށާނެ ކަމަށާއި އެއީ މިހާރަށްވުރެ ހެޔޮ، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވި ނަމަވެސް ނަޝީދު ވިދާޅުވާ ވެށިފަހި މާލެ މަޝްރޫއާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު އެވެ. އެމަނިިކުފާނު ވިދާޅުވީ ވެރިކަމުގައި ހުންނެވިހާ ހިނދެއްގައި އެއިން އެއްވެސް ބޭފުޅަކަށް، އަދި ޕާޓީއަކަށް ގެއްލުމެއް އަދި ދެރަގޮތެއް ނުވާނެ ކަމަށެވެ.

ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގަައި ގިނަ ވައުދުތަކެއް ވެފައިވާ ކަމަށާއި އެކަންތައް ފުއްދުމަކީ އެމަނިކުފާނާއި ސަރުކާރުގެ ބައިވެރިންގެ ވާޖިބެއް ކަމަށެވެ. ވެރިކަމާ ހަވާލުވުމަށްފަހު އެ ވައުދުތައް ފުއްދަމުން އަންނަ ކަމަށާއި އޭގެ ތެރެއިން މުހިއްމު އަދި ގިނަ ކަންތައްތަކެއް ހާސިލްވެފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ގާނޫނީ ބާރުވެރިކަން ނެތި ނުފުއްދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.

ސިޔާސަތުތައް ކަނޑައެޅުމުގައި ގާނޫނީ ބާރު ހޯދަންޖެހޭ ކަމަށާއި އެކަންތައް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު، އެ ސިޔާސަތުތަކަށް ތާއިދުކުރާ ބޭފުޅުން މަޖިލީހުގައި ތިބެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލީހަކީ ވަރަށް އުޖާލާ މަޖިލީހެއް ކަމަށާއި ރައްޔިތުން ތިބީ އެޖެންޑާ 19 އަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ވޯޓުދޭން ތައްޔާރަށްކަމަށް ވިދާޅުވި އެވެ،