މަޖިލިހުގައި މި ސަރުކާރުން ތަޅެއް ނާޅުވާނެ: ނައިބު ރައީސް

ރައްޔިތުންގެ މަޖިލިހުގެ ޒިންމާ އަދާކުރަން ހުރަސް އަޅައި، "ތަޅު އެޅުވަކީ" މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރ. މީދޫގައި ރޭ ވިދާޅުވެއްޖެ އެވެ.


އާންމު އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ރ. މަޑުއްވަރީ ދާއިރާ އަށް ވާދަކުރައްވާ، އެ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ނައިބު ރައީސް ވިދާޅުވީ މަޖިލިހުގެ "އެއްވެސް ދޮރެއްގައި" މި ސަރުކާރުން ތަޅެއް ނާޅުވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމްބެޓް ޔުނިފޯމްގައި ތިބި ސިފައިން މަޖިލިހުގެ އިދާރާގެ ގޭޓުތައް ތަޅުލައިގެން އުޅުނު ދުވަސްވަރަށެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި މަޖިލިސް ހިސޯރުކޮށްފައި އޮތީ ޔާމީންގެ އަމުރަކަށެވެ. އޭރު ސިފައިންގެ ބާރުގެ ދަށުގައި މަޖިލިސް އޮތް އިރު، އެއްވެސް މެމްބަރަކު ވެސް މަޖިލިހަށް ނުވައްދަ އެވެ.

މަޖިލިހަށް މެމްބަރުންތަކެއް ވެންނެވުމަށް މަސައްކަތް ކުރުމުން ސިފައިން ހުރަސް އަޅާފައި.

ފައިސަލް ވިދާޅުވި ގޮތުގައި މަޖިލިހަކީ ވަރަށް ޝަރަފްވެރި، ކަރާމާތްތެރި ތަނަކަށް ހަދަން ޖެހެ އެވެ. އަދި މަޖިލިހުގައި ތިއްބަވަން ޖެހޭނީ އަމާނާތްތެރި ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މަޖިލިހަށް މަންދޫބަކު އިންތިހާބުކުރަނީ ވަރަށް ގިނަ އުންމީދުތަކަކާއެކު. ގާނޫނީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދުމުގެ ބޭނުމުގައި،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލިހުގައި ތިއްބަވަން ޖެހޭނީ ނަޒާހާތްތެރި، ތެދުވެރި، ގައުމީ ލޯބި އޮތް ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދޭނެ ބޭފުޅުންތަކެކެވެ.

ނައިބު ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖެ ތަރައްގީ ކުރުމަށް ކަމަށެވެ. އަދި ރަށްތައް ތަރައްގީ ކުރާއިރު، ރަށްތަކުގެ މެދުގައި ތަފާތު ކުރުން ނުގެންގުޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުން ގަދަ އަޅައި ކުރި މަސައްކަތުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައި ދިނުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރ. މީދޫގައި ރޭ ބޭއްވި އަމީތުގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.

ސަރުކާރުން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ވަޒީފާތައް އިތުރުކޮށް ވަޒީފާ އަށް އަހުލުވެރިކުރުވުމަކީ އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވިސްނުން ތޫނު، އޯގާތެރި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވޭ ފަދަ ބޭފުޅަކު ރައީސްކަމުގައި މިހާރު ހުންނެވުމަކީ ރައްޔިތުންނަށް ލިބުނު ނަސީބެކެވެ. މަޖިލިހުގެ ތަޖުރިބާއާއެކު ރައީސް ނުކުންނެވީ ރައްޔިތުންނަށް ތަރައްގީ ހޯދައި ދިނުމުގެ އުންމީދުގައި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

މީދޫގައި ރޭ ބޭއްވި އަމީތުގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ފައިސަލް އަމީތާ އެކު.

"މި ސަރުކާރަކީ، އަދުގެ ރައީސަކީ އެއްވެސް ކަމެއް ގާނޫނާ ހިލާފަށް ކުރައްވާނެ ކަމެއް ނޫން... އެއްވެސް މީހަކަށް އަނިޔާވެރިކަމެއް އިސް ނުކުރާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ އިރު، އެކުގައި މަސައްކަތް ނުކޮށް ހޯދޭނެ ތަރައްގީއެއް ނޯންނާނެ އެވެ.