26 މާޗް 2019 - 23:41
ރާއްޖޭގައި އޮންނާނެ ވެރިިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުން ނިންމާ ކޮންމެ ގޮތަކަށް އިހުތިރާމު ކުރައްވައި އެގޮތަށް އަމަލު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިޚާބުގައި ނަޝީދު ވާދަ ކުރައްވަން ނިންމެވުމާ އެކު އެމަނިކުފާނާއި އެމްޑީޕީން މަސައްކަތް ކުރަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެކަމަކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވާ ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށް އިދިކޮޅު ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މަޖިލީހަށް ވާދަ ކުރައްވާ މެމްބަރުންގެ މެދުގައި ޓީވީއެމުން ބާއްވާ ބަހުސްގައި، މައްޗަންގޯޅި މެދު ދާއިރާ އަށް ވާދަ ކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމް ކަނޑައަޅަން ބޭއްވި އިންތިޚާބަކީ، ވޯޓުލެވޭ މީހުންނަށް ވުރެ ގިނަ މީހުން ވޯޓު ލީ ކަމަށް އިއުލާން ކުރި އިންތިޚާބެއް ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނު ގަބޫލު ކުރައްވާނީ ރައްޔިތުން ނިންމާ ނިންމުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޖެހޭނީ ރައްޔިތުންގެ ވޯޓަކަށް ދާން. ދިވެހިރާއްޖޭގެ ރައްޔިތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައަޅައިފި ނަމަ އެގޮތަށް އަމަލު ކުރަން އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ތައްޔާރަށް. އަދި އެހެން ގޮތަކަށް ރައްޔިތުން ނިންމިޔަސް އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އަކީ ގިނަ ދުވަސްވީ ހުތުމުހުތާރު ވެރިކަމަކާ ދެކޮޅަށް ކުރި މަސައްކަތްތަކެއްގެ ތެރެއިން ލިބިގެން ދިޔަ ގާނޫނުއަސާސީއެއް ކަމަށެވެ. އޭގެ ސަބަބުން އެ ގާނޫނުއަސާސީގައި ރައްޔިތުން މަޖިލީހުގެ ބާރު ވަރަށް ބޮޑު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޝަރުއީ ނިޒާމު އިސްލާހު ކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ފަނޑިޔާރުންނަކީ އުމުރަށް މަގާމުގައި ތިބެވޭނެ ބޭފުޅުން ކަމާއި މުސާރަ އާއި އިނާއަތްތައް އިތުރު ކުރުމުން ވެސް ރައްޔިތުން އެދޭ ނަތީޖާ ނުފެންނަ ކަމަށެވެ. އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކޮށް އެތަން އެކުލަވާލާފައިވާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖުޑީޝިއަރީގެ ތެރެއިން ބަދަލު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހަކީ އެ ގައުމެއްގެ މޫނު ބަލާ ލޯގަނޑު ކަމަށެވެ. އެހެންކަމުން އެ ކަމެއް އެ މަޖިލީހެއްގައި ވެސް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ. މަޖިލީހުގެ ތެރޭގައި ފައިސާ ގޯނިގޯނީގެ ވާހަކަ ލަދެއް ނެތި ދެއްކުމާއި ވޯޓު ވިއްކުމުގެ އިތުރުން ޕާޓީ ބަދަލު ކުރުން ހުއްޓުވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ކުރިއަށް އޮތް މަޖިލީހަކީ ރައްޔިތުން އުއްމީދު ކުރާ މަޖިލީހުގެ ގޮތުގައި ހަދައި ނަޒާހާތްތެރި ތަނަކަށް މަޖިލިސް ހަދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިންތިޚާބުގައި ނަޝީދާ ވާދަ ކުރައްވާ، އަދި ސަލަފު ޖަމިއްޔާގައި އުޅުއްވާ އަމިއްލަ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު، ނަޝީދަށް އިޝާރާތް ކުރައްވައި ވަނީ ވޭތުވެދިޔަ ތަނުގައި ޒިންމާއެއް ހަވާލު ކުރެއްވުމުން އިސްތިއުފާ ދެއްވައި ވަޑައިގެންނެވި ބޭފުޅުންނަށް ދެން ފުރުސަތު ނުދިނުމަށް ގޮވާލްއްވައިފަ އެވެ.
އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ދީނުގެ ނަމުގައި ދިވެހި ރައްޔިތުންގެ މެދުގައި ހިލާފު އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ވޯޓު ލުމަކީ ދީނާ ދުރުކަމެއް ކަމަށް ވާހަކަ ދައްކާފައި މިހާރު ވޯޓު ދިނުމަށް އެދުމަކީ ހުތުރު އަމަލެއް ކަމަށް ވިދާޅުވެ އިބްރާހިމަށް ނަޝީދު ރައްދުދެއްވި އެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި އިތުރު ބަގާވާތެއް ކުރުމުގެ ފުރުސަތު ދެން ނުދެއްވާނެ ކަމަށެވެ.
"ފްލެޓް ދޮންބެ"ގެ ނަމުން ވާދަވެރިން މީގެ ކުރިން ކިޔަމުން އައިކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ވޯޓް ދީފި ނަމަ މައްޗަންގޯޅީ ރައްޔިތުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތައް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އެމަނިކުފާނު ނުކުންނަވާ ހުންނެވީ ޖުމުލަ ހައްލަކާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިލްސް
27 March 2019
ބަލަ ރައްޔިތުން އޮތީ ރާއްޖޭގައި އޮންނަންވާ ނިޒާމު ކަނޑައަޅައި ނިންމާފަ. އެގޮތައް އެކަން އޮއްވާ މިހާރު ތި ކުރަން އުޅޭ ކަންތަކުންވެސް އެބަ އެނގޭ ތީ ރައްޔިތުންގެ ނިންމުމަށް ކިހާވަރަކަށް ތާއީދުކުރާ މީހެއްކަން.
އިސްމާލި
27 March 2019
ތިކަން އެނގެއޭ. އެހެންވެ އެއްނު އެވަރަކުން މަޖިލީހަށް ޕަޕެޓުން ކޮޅެއް ގޮވައިގެން ވަންނަން ތި އުޅެނީ. ދެން ރައްޔިތުންގެ ވޯޓަކަށް މަގުފަހިކުރުވީމަ ނިމުނީ. އެހާތަނަށް އަރިމަތިން، ރާއްޖޭގެ ޒުވާން އާބާދީގެ ބޯ ކާލެވޭތޯ ބަލާނެ ބަރުލަމާނީއަކަށް ދާން. އޭރުން އޮންނާނީ ވެރިކަން ލިބިފައި. ދެޓްސް ދަ ޕްލޭން.
ވެރިކަމުގެ ނިޒާމް.
27 March 2019
ރައްޔަތުން ވެރިކަމުގެ ނިޒާމް ވަކިގޮތަކަށްނިންމާފައިވަނިކޮށް އެނޫންނިޒާމަކަށް ދާންބޭނުންވެގެން ވާހަކަދައްކަނީ އަމިއްލައެދުން ބޮޑުކަމުން. އެކަމާވާހަކަދައްކާ އެހެން ރައްޔަތު ރާއްޖޭގައި އަދި ނޫޅެ. އެހެންވީމަ އެކަމާ ރައްޔަޔުންގެ ވޯޓުގެ ވާހަކަ ދައްކާކަށްވެސް ނުޖެހެ.
ކޮބާ އިންސާފު؟
27 March 2019
އަދިވެސް އެމްއާރުއެމް އާ ދެންވެސް އޮތް އެއްޗަކާ ހައްދަވައިގެން މިހާރުގެ އެޑްމިނިސްޓްރޭޝަން ޚިސާރުކޮށްގެން އުޅޭ މީހުންނާ އެކު ކޯލިޝަން ހައްދަވައިގެން ހެވިފައި ޒަޢީމު ހުންނަވަނީ ތޯ؟ ލައިވެއްގައި އެބުނީ ޒަޢީމުގެ ސަރުކާރަކީ ޙުދުމުޚުތާރު ސަރުކާރެކޭ! ނިޒާމުގެ ވޯޓްގައި ވަގު ވޯޓްތަކެއްވެސް އެޅިއޭ! އެކަމަކު މިހާރުގެ ސަރުކާރަށް ވޯޓް ކާމިޔާބުވީމާ، އެވޯޓް ހަމަ ބަރާބަރު! ރޭގެ ބަޙުޘުގައި ދެއްކި ވާހަކަ ތަކުން ވެސް ނުރައްކާ މީހެއްކަން ވަރަށް ފާހަގަވި!
ޖެލީމެޓާ
27 March 2019
އެކީވަރު އަދި މާ ކުޑައެއްނު؟ އެއަށްވުރެ ގިނަ ވާހަކަ މައުމޫނޭ ކިޔާފަ ދައްކައިގެން 2008ގައި ވެރިކަން ބަދަލުކުރެވުނީ. އެކަމު ޒައީމު އެ ހުންނެވީ އެހުރިހާ ކަމެއްވެސް އެއީ ނުވާ ކަންކަން ކަމަށް ހައްދަވައިގެން.
ގަބޫލުނުކުރެއްވިއަސް
27 March 2019
ރައްޔިތުންގެ ވެރިކަމެއްގައި ކިތަންމެ އުދަގުލުން ނަމަވެސް ތިން ވެރިންނަށް ނޫނެކޭ ބުނެފީމު. މިއިން ކޮންމެ ވެރިއެއްވެސް ކޮންމެސް ގޮތަކުން ނާޖާއިޒު ޕާލަމެންޓްރީ ނުފޫޒެއް ބޭނުންކުރުމުގެ ސަބަބުން ލައްކަ އުނދަގޫ ރައްޔިތުން އުފުލި. މިއަދު ތިޔައުޅުއްވަނީ ރައްޔިތުން ބޮލަށް ޗިޕްޖަހައިގެން އެވަސީލަތް ގާނޫނީކުރަން. އޭރުން ދެން ކޮންމެ ރަހައެއް ދެއްކިއަސް ރައްޔިތުން ޖެހޭނީ ރޮއިރޮއި ތިބެން!
ނުބައިހާނު
27 March 2019
ރުހުނަސް ނުރުހުނަސް މިހާރު ވެރިކަން މި އޮތީ ރައްޔިތުން ނިންމި ނިޒާމުގެ މަތީގަ. އެކަން ޙަޖަމު ނުވެގެން ވެރިކަން ހޯއްދަވަން ތި އުޅުއްވަނީ އަމިއްލަފުޅު ޕާރޓީގެ ރައީސާ ދެކޮޅަށް ބަޣާވާތް ކުރައްވައިގެން. ރައްޔިތުން ތިބީ އެކަން ދަނެގެން. ރައީސް އިބޫގެ ވެރިކަން ދިފާޢުކުރަން އަތުކުރި އޮޅާލައިގެން. ޔާމީނާ ނަޝީދަށް ނޯ ބުނާނީ އަދިވެސް
ޒޫން
27 March 2019
ރައްޔިތުން އެދުނު ނިޒާމޭ މިތާ މިއޮތީ. ދެން އަހަރެމެން ތާއީދު ކުރާނީ، ޝޫރާ ނިޒާމަކަށް. މަޖްލީހުގައި ތިބެންޖެހޭނީ، މަސްވެރިކަމުގެ ދާއިރާއިން 5، ތައުލީމީ ދާއިރާއިން 5 ހެލްތް ދާއިރާއިން 5 ސޯޝަލް ސައިންސް ދާއިރާއިން 5، މެނޭޖްމަންޓް ދާއިރާއިން 5، ޝަރީޢާއިން 5، ޤާނޫނީ ދާއިރާއިް، 5، ޤުރުއާނުގެ އިލްމުގެ 5 5، ހަދީޘް އިލްމުގެ ، ޓޫރިޒަމް ދާއިރާގެ 5، ދަނޑުވެރިކަމުގެ ދާއިރާގެ 5، ޕްލޭނިންގ 5، އިންފްރާސްޓްރަކްޗަރ5، ކޮންސްޓްރަކްޝަން 5، މެރިން ސައިންސް 5. ޑިގްރީ.
ކަތްދަ
27 March 2019
މިހާރު މިއޮތް ނިޒާމުވެސް ތަޖުރިބާ ކުރެވިއްޖެ. މިއީ ދެ ނިޒާމު މަސްހުނިކޮށްގެން ހަދާފައި އޮތް އެއްޗެއް. ދެން ބޭނުމީ ސާފު ސީދާ އެއް ނިޒާމު ތަޖުރިބާކޮށްލަން.
ސުބްތާ
27 March 2019
ސާބަހޭ ރައީސް
ހަކީމް
27 March 2019
ބަރުލަމާނީ ނިޒާމަކަށް ތާއީދު ... 2 ބާރު ، 3 ބާރު އޮންނާކަށް ނުޖެހޭ - އޮތީމަ އުފެދެނީ ހާޖާނު. އޮންނާނީ އެންމެ ބާރެއް. ޖުޑިޝަރީއަކި ބާރެއް ނޫން ، އެއީ އިސްލާމް ދީނުގެ ހުކުން ތަކާއި ހެދިފަ ހުންނަ ޤަނޫނު ތަކަށް ރިއާޔަތް ކޮށް ހުކުން ކުރަން ތިބޭ ބަޔެއް. ދެން ބޭނުންވަނީ އިޙްލާސްތެރި ފާރަވެރިވާ މުއައްސަސާ ތަކަކާއި ރަނގަޅާ ހިނގާ އިދިކޮޅު ޕާޓީތަކެއް ، ނުވަތަ ޕާޓީއެއް.