ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމައިފި

ގދ. ތިނަދޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އަޅަން ހެލްތު މިނިސްޓްރީން މިއަދު ނިންމައިފި އެވެ.


ތިނަދޫގައި އަޅަން ނިންމާފައި ވަނީ 100 އެނދުގެ ހޮސްޕިޓަލެއް ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވި އެވެ. އަދި އެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލް ބޮޑުކުރެވެން ނެތުމުން، އާ ހޮސްޕިޓަލް އަޅާނީ އެހެން ބިމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި މިހާރު ވެސް 50 އެނދުގެ ރީޖަނަލް ހޮސްޕިޓަލެއް ހުރެ އެވެ. އާ ހޮސްޕިޓަލް އެޅުމުން ރީޖަނަލް ހޮސްޕިޓަލުން ދޭ ހިދުމަތްތައް ހުއްޓާލައި، އާ ހޮސްޕިޓަލަށް ބަދަލުކުރާނެ އެވެ.

"އަޅުގަނޑުމެން މި ވިސްނަނީ ޑަބްލިއުއެޗްއޯ [ދުނިިޔޭގެ ސިއްހަތު ޖަމިއްޔާ]ގެ ރައްކާތެރި ކަމާއި ތިމާވެއްޓާ ރައްޓެހި މިންގަނޑުތަކުގެ ހޮސްޕިޓަލެއް އަޅަން،" ތަސްލީމާ ވިދާޅުވި އެވެ.

ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށް ވެސް ހުޅުވާލާފައި ވެ އެވެ. އެކަމަކު މިއަދު ހުޅުވާލީ، އެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ކޮންސެޕްޓާ ބެހޭ މައުލޫމާތު ސާފު ކުރުމަށެވެ.

އެ ރަށުގައި ޓާޝަރީ ހޮސްޕިޓަލް ބިނާ ކުރުމުން މިހާރު ލިބޭ ހިދުމަތްތަކާއި ވަސީލަތްތަކަށް ވުރެ ގިިނައިން އެތަނުން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ލެބޯޓަރީ އިން ލިބޭ ހިދުމަތްތަކާއި އެހެން ސަބް-ސްޕެޝަލިޓީތައް ވެސް ހިމެނޭނެ އެވެ. އަދި އެ ސަބް-ސްޕެޝަލިޓީސް ކަނޑައެޅުމުގައި އައްޑޫގައި ހަދަމުންދާ ޓާޝަރީ ހޮސްޕިޓަލުން ނުލިބޭ ހިދުމަތްތަކަށް އިސްކަންދޭނެ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

"ދެކުނުގައި ދެ ޓާޝަރީ ހޮސްޕިޓަލް ހަދާއިރު ވީހާ ވެސް ގިނަ ބަލިތަކަށް ފަރުވާ ދެވޭނެ ގޮތަށް ހަދަން މި މަސައްކަތްކުރަނީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލަށް މުވައްޒަފުން ހޮވުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލަށް ވުރެ ބޮޑު ހޮސްޕިޓަލެއް އެޅުމުން އުފެދިގެންދާ ވަޒީފާގެ ފުރުސަތުތައް ވެސް ގިނަ ވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.