މުއައްސަސާތައް މިނިވަންކުރުމާ ބެހޭ ފަސް ބިލެއް މަޖިލީހަށް ފޮނުވައިފި

މިނިވަން މުއައްސަސާތައް ނުފޫޒުން ދުރުކުރުމަށް ފަސް ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފި އެވެ.


މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި 12 ވައުދެއް ފުއްދަން އޭޖީ އޮފީހާ ހަވާލު ކޮށްފައިވާ އިރު، 11 ވައުދެއް މިހާތަނަށް ފުއްދާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި 21 ބިލެއް އެކުލަވާލައި، މަޖިލިހަށް ފޮނުވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އެ އޮފީހުން ކަނޑައެޅި ވައުދުތަކަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމަށް ނުވަތަ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ނުވަތަ ދިރިއުޅުމާއި ވިޔަފާރީގެ މައިދާނުގައި ހޯދައިދޭންޖެހޭ ލުއިތައް ހޯދުމަށް އަލަށް ތައާރަފްކުރަން ޖެހޭ ބިލްތަކެކެވެ. އަދި މަޖިލިހަށް ފޮނުވި ބިލްތަކުގެ ތެރެއިން ގިނަ ބިލްތައް ފާސްވެ ގާނޫނަކަށްވެފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މުއައްސަސާތައް މިނިވަންކަމާ އެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރަނީ މުސްތަގިއްލު ކޮމިޝަންތަކާއި މަގާމުތައް އަދާކުރައްވާ ބޭފުޅުން މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ތައައްސަބުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރުމަށް ބާރުއެޅުމަށެވެ.

އެގޮތުން، އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި، އޮޑިޓް ގާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި، ސިވިލް ސަވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލިހަށް ބިލްތައް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައި ދިނުމަށް، ފާސްކޮށްފައިވާ ގާނޫނުތައް ބަލައި މުރާޖައާކުރުމުގެ ވައުދާ ގުޅިގެން އެ މަސައްކަތް ކުރުމަށް 11 ގާނޫނެއް މުރާޖައާކޮށް، ހަތަރު ގާނޫނަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް އެކުލަވާލާފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީން ބުނި ގޮތުގައި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށާއި ފަނޑިޔާރު ގެއަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނެ ކަމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވައުދެވެ.

އޭޖީ އޮފީހުން ބުނީ އެ މަސައްކަތް ފެށުމުގެ ގޮތުން، ކޯޓުތަކުގެ ގާނޫނާއި ޖުޑީޝަލް ސަވިސް ކޮމިޝަންގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް، ކަމާބެހޭ ބިލުތައް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން، ދައުލަތް ދަރަނިވެރިވާ ގޮތަށް ނުވަތަ ގައުމުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖައާކުރުމުގެ މަސައްކަތުގެ ދަށުން، 11 އެއްބަސްވުމެއް މުރާޖައާކޮށް ނިންމައި، އިތުރު 20 އެއްބަސްވުމުގެ އިނީޝަލް ރިވިއު ހަދާފައިވާ ކަމަށް ބުންޏެވެ.

އެތަނުން ބުނި ގޮތުގައި، ބޭރުގެ ފަރާތްތަކާއެކު އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ކަމާބެހޭ މިނިސްޓްރީތަކުގެ އެދުމުގެ މަތިން މިހާތަނަށް ހަ އެއްބަސްވުމެއް މުރާޖައާކޮށް ނިންމައި ކަމާ ބެހޭ ވުޒާރާތަކަށް ވަނީ ފޮނުވައިފަ އެވެ.