އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފްގެ ހުކުމް އިއްވުން ހައި ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި އެވެ.
ޔާމީންގެ މައްޗަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންގެ މައްސަލައިގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު އެމަނިކުފާނުގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ.
އެ މައްސަލައިގެ އިސްތިއުނާފް ހުކުމް އިއްވުމަށް ކުރިން ތާވަލްކޮށްފައި އޮތީ މި މަހުގެ ހަތް ވަނަ ދުވަހަށެވެ. އެކަމަކު ހައި ކޯޓުން މިހާރު ވަނީ އެ ޝަރީއަތް މާދަމާ 2 ޖަހާ އިރު ބާއްވަން ޝެޑިއުލްކޮށްފަ އެވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ ހުކުމް މާދަމާ އަށް ޝެޑިއުލް ކޮށްފައިވާ އިިރު އެމަނިކުފާނު ރޭ ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައި ހުުރުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވެވަޑައިގެންފައިވާ ކަމަށެވެ.
ފްރީޒުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓްތަކެވެ. ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔާމީންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މަނީ ލޯންޑަރިންގެ މައްސަލާގައި ޔާމީން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހު، އެމަނިކުފާނު ދޫކޮށްލުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައި ކޯޓުން އަމުރުކޮށްފަ އެވެ.