ޔާމީން، އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑެރިންގެ މައްސަލައިގެ ތަހުގީގަށް މާދަމާ ވެސް އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.


ޕީޕީއެމުން ބުނިގޮތުގައި އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 1:30 އަށެވެ. ތަހުގީގަށް މިދިޔަ މަހުގެ 15 ގައި ވެސް އެމަނިކުފާނު ހާޒިރުކޮށް، ސުވާލު ކުރި އެވެ.

ޔާމީނަށް ތުހުމަތުކުރާ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބަލާ އެއް މައްސަލަ އަކީ ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ އެވެ. އެކަން ބަލައިދޭން އެދުނީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެގޮތުން ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

އަނެއް މައްސަލައަކީ، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކޮށްފައިވާ ކަމަށް، ދައުލަތުގެ އިދާރާތަކަށް މައުލޫމާތު އޮޅުވާލެއްވުމެވެ.

އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އޭސީސީން އެދުމުން އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ހަވާލުކުރައްވާށެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އޭސީސީގެ އެންގުމާ އެއްގޮތަށް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް އައިޝަތު އާޒިމާ ޝަކޫރު ލިއުމުން އޭސީސީ އަށް އަންގަވާފައި ވަނިކޮށް، އެ މުއާމަލާތުގައި ވެސް އޮޅުވާލުންތަކެއް ހިމެނޭ ކަން ވަނީ ފަޅާއަރައިފަ އެވެ.

އޭސީސީ އާއި ޔާމީން ހިއްސާވާ ގޮތަށް ހުޅުވި ބީއެމްއެލްގެ އެކައުންޓަށް ޖަމާކުރެއްވީ، އެނގިފައިވާ ގޮތުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ފައިސާ އެވެ. އެމްއައިބީއަށް އެސްއޯއެފުން ޖަމާކުރި ދިވެހި ރައްޔިތުންގެ އެއް މިލިއަން ޑޮލަރަށް ވީ ގޮތެއް އަދި ނޭނގެ އެވެ. ތަހުގީގަށް، އާޒިމާ އާއި ޒަމީރު ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ، އެ މައްސަލައިގަ އެވެ.