ހަތް މަސް ތެރޭގައި ޕިކްނިކް އައިލެންޑަށް ދަތުރުދާން ފެށޭނެ: ރައީސް

ތައިލެންޑްގެ ސިންހާ އެސްޓޭޓުން، މާލޭގެ ދެކުނުން ފަސް ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫ ފަޅުގައި ރިސޯޓް ހެދުމަށް ހިއްކާފައިވާ ނުވަ ރަށުގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހަމަޖެއްސި ޚާއްސަ ރަށަށް އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ދަތުރުދާން ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ވައުދަކަށް ވާއިރު، އެނބޫދޫ ފަޅުގައި ހިއްކާފައިވާ ތިން ކިލޯމީޓަރުގެ ރަށެއް އެކަމަށް ހާއްސަކޮށް އެ ޕްރޮޖެކްޓް މިއަދު އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފެރީއެއްގައި މާލެއިން 15 ވަރަކަށް މިނެޓުން ދެވޭ ޕިކްނިކް އައިލެންޑު ތަރައްގީ ކުރުމަށް ނިންމާފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކު އެވެ. އޭގެ ތެރޭގައި މަސް ފިހުމަށް ހާއްސަ ސަރަހައްދަކާއި މޫދާއި ގޮނޑުދޮށުގައި ކުޅޭ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުގެ އިތުރުން އާއިލާތަކަށް ހާއްސަ ކޮޓަރިތައް ވެސް ހެދުމަށް ވަނީ ނިންމައިފަ އެވެ. އަދި ޗޭންޖިން ރޫމްތަކާއި ސިއްހީ ހިދުމަތް ދޭނެ ތަނެއް ވެސް ހުންނާނެ އެވެ.

ދަތުރުދާ ރަށް އިއުލާންކޮށް އެރަށުން ލިބޭނެ ހިދުމަތްތަކުގެ ތަފްސީލް ދެނީ-- ފޮޓޯ: އަހުމަދު ސާއިލް އަލީ

އާޓް ގެލެރީގައި އޮތް ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންގެ އިހުސާސްތަކަށް ބެލުމެއް ނެތި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ މި ސަރަހައްދުގެ ރަށްތަކާއި ފަޅުތައް ވިއްކައި ހުސްކޮށްފައި ކަމަށެވެ. މާލެ ތޮއްޖެހުމުން ކުރިމަތިވާ މައްސަލަތައް ބޮޑުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ދަތުރުދާނެ ރަށެއްގެ ހިދުމަތާއެކު ވެސް އިޖުތިމާއީ ގިނަ މައްސަލަތަކަކަށް ހައްލު ލިބޭނެ ކަމަށެވެ.

"މާލޭގައި އުޅޭ ރައްޔިތުން ތިބީ ރަށު ބަންދުން ސަލާމަތް ވެވޭނެ ގޮތެއް ނެތިފައި. ހިތް އުފާކޮށްލެވޭނެ ގޮތްތަކެއް ނެތިފައި،" މާލޭގެ ހާލަތު ބަޔާން ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ދަތުރު ދާނެ ރަށް އިއުލާން ކުރެއްވުމުގެ ހަފްލާގައި ރައީސް ވާހަކަ ދައްކަވަނީ: ރައީސް ވިދާޅުވީ އެ ހިދުމަތާއެކު އިޖުތިމާއީ އެތައް މައްސަލައަކަށް ހައްލު ލިބިގެން ދާނެ ކަމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދަތުރުދިއުމަށް ހާއްސަ ކުރާ ރަށް ތަރައްގީ ކުރުމުގައި އެނބޫދޫ ފަޅުގައި ރިސޯޓް ހަދާ ކުންފުނީގެ އެއްބާރުލުން ދޭކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެ ކުންފުންޏަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

"ޕިކްނިކް އައިލެންޑް ތަރައްގީ ކުރަނީ މި ޒަމާނުގައި އެ ފަދަ ރަށަކުން ލިބެން ޖެހޭ ހުރިހާ ހިދުމަތެއް ލިބޭގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރިސޯޓުން ހިދުމަތް ހޯދޭ

އެނބޫދޫ ފަޅު ތަރައްގީ ކުރަނީ އިންޓަގްރޭޓެޑް ރިސޯޓުތަކެއްގެ ގޮތަގަ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމްގެ އެންމެ އަގު ބޮޑު މަޝްރޫއުގެ ފުރަތަމަ ރިސޯޓް ކަމަށް ވާ ކްރޮސްރޯޑްސްގެ މަސައްކަތް ނިންމައި، މި އަހަރު ހުޅުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ޖުމްލަ އަށް ރިސޯޓް، އެ ފަޅުގައި ހެދުމަށް ވަނީ ނިންމައިފަ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ދަތުރުދާ މީހުންނަށް އެ ފަޅުތަކުގައި އޮންނަ ރިސޯޓްތަކުން ކެއުން ފަދަ ހިދުމަތްތައް ހޯދޭނެ ކަމަށެވެ.

ދަތުރު ދިއުމަށް ކަނޑައެޅި ރަށް ރައީސް އިފްތިތާހު ކުރައްވަނީ: އެނބޫދޫ ފިނޮޅުން ހަމަޖެއްސި ރަށުގައި ގިނަ ވަސީލަތްތަކެއް ގާއިމް ކުރަން ވަނީ ނިންމާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދަތުރު ދިއުމަށް ހާއްސަ ކޮށްފައިވާ ރަށުގެ ޑީޓެެއިލް ޑިޒެއިނިންގެ މަސައްކަތް ކުރަމުން އަންނައިރު ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި އެ ރަށުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ސިންހާ އެސްޓޭޓްގެ ސީއީއޯ ނަރިސް ޗޭކްލިން ވިދާޅުވީ، އެ ފަޅުގައި ހަދާ ރިސޯޓެއްގައި ދިވެހި އަތްތެރި މަސައްކަތްތައް ދައްކުވައިދޭ ގޮތަށް ހަދާ ކަލްޗަރަލް ސެންޓަރާއި ކަނޑުގެ ދިރުންތަކާ ބެހޭ މެރިން ސެންޓަރުގެ ހިދުމަތް، ދަތުރުދާ ދިވެހިންނަށް ވެސް ލިބޭނެ ކަމަށެވެ. އަދި މޫދު ކުޅިވަރުތަކާއި މޫދުގެ ދިރުންތަކާ ބެހޭ މައުލޫމާތު ދިނުން ފަދަ ކަންކަން އެތަނުގައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ކުރިން ނިންމީ ގުދުރަތީ ގޮތުން އުފެދިފައިވާ ރަށެއް ދަތުރު ދިއުމަށް ހާއްސަ ކުރުމަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި އެ ކަހަލަ ރަށެއް ނެތުމުން ދެން ނިންމީ ރަށެއް ހިއްކުމުގެ ބަދަލުގައި ހިއްކާފައި އޮތް ރަށެއްގައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށެވެ.