ޔާމީން އެނބުރި އައުމަށް މަގުފަހިކުރާ ބަޔަކަށް މާފެއް ނުކުރާނެ: ޝާހިދު

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އެނބުރި އައުމަށް މަގުފަހި ކޮށްފި ބަޔަކަށް ކުރިމަގުގެ ޖީލުތަކުން މާފު ނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޕީޕީއެމްގެ ރައީސް ޔާމީނާ ދެކޮޅަށް އެންމެ ފޯރިގަދަ ވާހަކަތައް ދެއްކެވި ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން އެނބުރި އައުމަކީ އެ އިންތިޚާބުގައި ކުރި އުއްމީދުތައް ފުނޑުފުނޑުވުން ކަމަށެވެ.

"އޭރުން، އަނިޔާވެރި ކަމާ ދެކޮޅަށް ގިނަ ބަޔަކު ވީ ބޮޑެތި ގުރުބާނީތައް ވާނީ ބޭކާރު،" ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަފުޅު ދައްކަވަން ހުންނެވިއިރު ފަހަތުން "ނޫނެކޭ" ޖަހާފައިވާ ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓުގައި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިއަދު ކުރެއްވި ޓްވީޓް---

އޭނާ ވަނީ ހޮނިހިރު ދުވަހު ބާއްވާ އާންމު އިންތިޚާބުގައި އެންމެންގެ ވޯޓު ތިލަފަތަށް ނުވަތަ އެމްޑީޕީ އަށް ދިނުމަށް ގޮވާލައްވައިފަ އެވެ.

މި ފަހަރުގެ މަޖިލިސް އިންތިޚާބުގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމައިފަ އެވެ. އަދި ޕީޕީއެމް/ކޮންގްރެސް ޕާޓީން ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމައިފަ އެވެ.

މަނީލޯންޑްރިންގެ މައްސަލާގައި ބަންދުކޮށްފައި ހުރި ޔާމީން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން މިނިވަން ކުރުމާ އެކު ފޯނު މެދުވެރިކޮށް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އެ ކެމްޕެއިންތަކުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ޔާމީން އެދިވަޑައިގަންނަވަ އެވެ.

ޖުމްހޫރީ ޕާޓީން އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރާތީ އެ ޕާޓީން ކޮންމެވެސް އެއް ކޮޅެއް އިހުތިޔާރު ކުރަން ޖެހޭ ކަމަށް ސަރުކާރުގެ އިސްބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ގާސިމް ވިދާޅުވާ ގޮތުގައި، ކޯލިޝަންގެ ތެރޭގައި މައްސަލަ އުފެދުނީ އެމްޑީޕީއާ ހެދި އެވެ. އެއީ ކޯލިޝަންގެ ޕާޓީތަކުން ގުޅިގެން އަދި ކޮންމެ ޕާޓީ އަކުން ވަކި އަދަދަކަށް ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރަން އެއްބަސްވެފައި ވަނިކޮށް އެމްޑީޕީން އެއާ ޚިލާފުވުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. އެމްޑީޕީން ވަނީ މަޖިލިހުގެ ހުރިހާ ގޮނޑި އަކަށް ވާދަކުރުމަށް އެންމެ ފަހުން ފާސްކޮށްފަ އެވެ.