އަޅުގަނޑު ހުންނާނީ ރައީސްގެ ފަހަތްޕުޅުގައި: ޖާބިރު

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުނަސް، ހުންނަވާނީ އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ އެކު ކަމަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.


"މިހާރު" އާ ވާހަކަ ދައްކަވަމުން ޖާބިރު މިއަދު ވިދާޅުވީ އޭނާ އަކީ އަދިވެސް އެމްޑީޕީގެ މެމްބަރެއް ކަމަށާއި އެހެންވެ އެމްޑީޕީގެ ކާމިޔާބީގެ ލިސްޓްގައި އޭނާގެ ނަން ވެސް ގުނެން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ހުންނާނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ފަހަތްޕުޅުގައި. އަޅުގަނޑު މިހުރީ އެމަނިކުފާނަށް ޓަކައި ޝަހީދު ވެސް ވާން ތައްޔާރަށް،" ރައީސް ސްޕެޝަލް އެންވޯއިގެ މަގާމުގައި މިހާރު ވެސް ހުންނެވި ޖާބިރު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާ އަށް އަމިއްލަ ގޮތުން ޖާބިރު ވާދަކުރެއްވީ، އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބުވެ ވަޑައިގަތުމާ ގުޅިގެންނެވެ. އެ ދާއިރާއިން މި އިންތިހާބުގައި އެންމެ ކައިރިން ޖާބިރާ ވާދަކުރެއްވީ ވެސް އެމްޑީޕީގެ ކެންޑިޑޭޓެވެ.

ޖާބިރު ވިދާޅުވީ މި އިންތިހާބުން ފެނިގެން މި ދިޔައީ ކޯލިޝަން ނެތް މަންޒަރު ކަމަށާއި މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިޔާސީ ހަޔާތް ނިމިގެން ދިޔަ އިންތިހާބެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ބޮޑުތަނުން މިވީ ބަލި ގާސިމް ގަބޫލު ކުރައްވައި މަޖިލީހުގެ ރައީސް ކަމުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވާށޭ،" މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ކުރިން ޝައުގުވެރިކަން ފާޅުކުރެއްވި ޖާބިރު ވިދާޅުވި އެވެ.

އެކަމަކު އޭނާ މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ ވިސްނުން އެއްފަރާތް ކޮށް، މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ލީޑާޝިޕުން ގެންނަން މަސައްކަތް ކުރާ ހިތަދޫ އުތުރު ދާއިރާގެ މުހަންމަދު އަސްލަމް އަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

"އެމްޑީޕީގެ ކޮންމެ ނިންމުމަކަށް އަޅުގަނޑު ބޯލަނބާނަން،" ޖާބިރު ވިދާޅުވި އެވެ.