ކޮންމެ ފިޔަވަޅެއް އެޅިޔަސް ހެޔޮ، ވާދަކުރާނަން: ޖާބިރު

ޕާޓީން ކޮންމެ ފިޔަވަޅެއް އެޅިޔަސް ވަރިހަމަ ކަމަށް ވިދާޅުވެ، ކުރިން ވެސް ނިންމަވާފައިވާ ގޮތަށް ކާށިދޫ ދާއިރާ އަށް ވާދަކުރައްވާނެ ކަމަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.


ޕާޓީތަކުގެ ޕްރައިމަރީގައި ބަލިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ. ޖާބިރަކީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕްރައިމަރީން ބަލިވި ކެނޑިޑޭޓުން ސުޕްރީމް ކޯޓުގެ ހުކުމާ އެކު އިންތިހާބުގައި ވާދަކޮށްފާނެތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުރާ މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

"މީހަކު އެ މީހަކަށް ލިބިފައިވާ ހައްގެއްގެ ބޭނުންކޮށްގެން ފިޔަވަޅު އަޅަންޏާ އަޅަންވީ. އެފަދަ ކޮންމެ ފިޔަވަޅަކަށް ވެސް އަޅުގަނޑު ތައްޔާރު،" ކުރިން ވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި، އެކަމަކު އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ބަލިވި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ އެތައް ބަޔަކު އެދިއެދި ތިއްބާ އެކަމަށް އޭނާ އަށް ފުރަގަސް ދެއްވޭކަށް ނޯންނާނެ އެވެ. ޖާބިރު ވިދާޅުވީ އޭނާގެ ޕްލޭނަކީ ކާށިދޫ ދާއިރާގައި ހިމެނޭ، ކާށިދު އާއި ގާފަރު ތަރައްގީ ކުރުން ކަމަށެވެ.

"ކުރިން ވެސް އަޅުގަނޑު ޕްލޭންކޮށްފައިވާ ގޮތަށް އަޅުގަނޑުގެ މިހާރުގެ ވެސް ޕްލޭނަކީ ކާށިދޫގައި އެއާޕޯޓް އަޅައި ޔުނިވާސިޓީއެއް ގާއިމްކުރުން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީން ބަލިވީ، ޖާބިރު ވިދާޅުވި ގޮތުން ޕްރައިމަރީ ފޭރިގަތީމަ އެވެ.

"އަޅުގަނޑަށް ޔަގީން ގޮނޑިއެއް މިހާރު އަޅުގަނޑު ކުރިމަތިލިޔަސް،" ރައީސްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ކުރިމަތިލާން މާ ކުރިން ވެސް ނިންމަވާފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ވެސް އޭނާ ގަބޫލު ކުރެއްވީ ޕްރައިމަރީން ނާކާމިޔާބު ވިޔަސް އަލުން ވާދަކުރުން އެއީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.