ޖާބިރާއި ދިޔާނާ ވެސް އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެއްޖެ

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި އަނބިކަނބަލުން ދިޔާނާ ސައީދަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން މިރޭ ޖެހިއްޖެ އެވެ.


އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވީ ކާށިދޫ ދާއިރާ އަށެވެ. ޖާބިރު ވަނީ މީގެ ކުރިން، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ނުކުންނަވައި، ކާށިދޫ ދާއިރާގެ ގޮނޑި ފުރުއްވައިފަ އެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޖާބިރާ ވާދަކުރައްވައި، ބޮޑު ތަފާތަކުން ޓިކެޓު ކަށަވަރު ކުރެއްވީ އަބްދުﷲ ރިފްއަތެވެ.

ދިޔާނާ ކުރެއްވި ޓުވީޓު.

ޖާބިރުގެ އަބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ވިލިނގިލީ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރެއްވި ނަމަވެސް، އެކަމަނާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. މިހާތަނަށް ނަތީޖާ ދައްކާގޮތުން އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ ހާރޫން ރަޝީދެވެ.

ހާރޫން ރަޝީދު، ޕްރައިމަރީގެ ޓިކެޓު ކަށަވަރު ކުރެއްވުމާ ގުޅިގެން ދިޔާނާ ވަނީ މަރުހަބާ ދަންނަވައިފަ އެވެ.