ކެންދޫ ވޯޓު ފޮއްޓެއްގެ މައްސަލަ އީސީން ތަހުގީގުކުރަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ބ. ކެންދޫގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮއްޓަކަށް ވޯޓު ލީ ގޮތާ ބެހޭ ގޮތުން މައްސަލައެއް ހުށަހެޅުމުން އެކަން ތަހުގީގުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.


ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޖުމްހޫރީ ޕާޓީގެ އަލީ ހުސެއިން އެވެ. އަލީ ހުސެއިނަށް 988 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ލަތީފަށް ލިބިވަޑައިގަތީ 829 ވޯޓެވެ.

ކެންދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ނަތީޖާ ބާތިލްކޮށް، އަލުން ވޯޓުލެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެދި އީސީ އަށް ހުށަހެޅީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އަހުމަދު ލަތީފްގެ ފަރާތުންނެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ކެންދޫގައި ބެހެއްޓި ވޯޓު ފޮއްޓެއް ތަހުގީގު ކުރުމަށް ކޮމްޕްލެއިންޓްސް ބިއުރޯގެ ޓީމެއް އެ ރަށަށް ދާން ނިންމާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަކަށް ދާން ނިންމީ ވަރަށް ގިނަ ޝަކުވާތަކެއް ހުށަހަޅާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އެ ފޮއްޓާ މެދު ގޮތެއް ނިންމާނީ ތަހުގީގަށް ފަހު އެވެ.

އީސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ ވޯޓު ލާ މީހުންގެ ތަފްސީލް ގަޑިއަކު އެއްފަހަރު ހާމަކުރަން އޮންނަ އުސޫލުގެ ދަށުން، މެންދުރު ދޭއް ޖެހި އިރު، އެ ފޮއްޓަށް 377 މީހަކު ވޯޓު ލި ކަމަށް ބުނި ނަމަވެސް އެ އަދަދަށް މީހުން ވޯޓުލާފައި ނުވާ ކަމަށެވެ.

ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށް ވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަން އެ ވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެ ހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ކަމަށާއި އެކަމަކު ވޯޓުލުން މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އީސީ އަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

ވޯޓު ފޮށި ކައިރީ އޮންނަ ޝީޓާއި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަ ޖަހައި މާކު ކުރާ ލިސްޓާއި ކިއު ނަމްބަރު ދޫކުރި ލިސްޓާ ދިމާ ނުވާ ކަމަށް ވެސް ޝަކުވާގައިވެ އެވެ. އަދި ވޯޓުލުން ހައެއް ޖެހިއިރު ބަންދުކުރި ފަހުން ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ފޮއްޓަށް ވޯޓުލާފައިވާ ކަމަށް ވެސް ހުށަހެޅި މައްސަލައިގައިވެ އެވެ.

އީސީން ވަނީ އދ. މާމިގިލީގައި ބެހެއްޓި ތިން ފޮއްޓެއްގެ ބާތިލް ވޯޓުތައް އަލުން ގުނަން ނިންމައިފަ އެވެ. އަދި ވޯޓު ފޮށިތައް ގުނުމަށް ހުށަހެޅި އިތުރު ޝަކުވާތައް ބަލާފައި، އެތަންތަނަކީ ނަތީޖާ އަށް ބަދަލު އަންނާނެ ފަދަ ތަންތަނަށް ނުވާތީ އެ މައްސަލަތައް ކުރިއަށް ނުގެންދަން އީސީން ވަނީ ނިންމައިފަ އެވެ.