ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފި ނަމަ ޖަލު ހުކުމެއްގެ ބިރު އެބައޮތް!

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން، ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން އަންނަ ހޮނިހިރުދުވަހުގެ ކުރިން ހުށަނޭޅުމަކީ، ބޮޑު ޖޫރިމަނާއެއް ނުވަތަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމެއް ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހަނދާންކޮށްދީފި އެވެ.


އިންތިޚާބާ ބެހޭ އާއްމު ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000-24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

އާއްމު އިންތިޚާބުގައި 395 ކެންޑިޑޭޓުން ވާދަކުރި އެވެ. އެ މީހުންގެ މާލީ ބަޔާން އަންނަ ހޮނިހިރުދުވަހުގެ ރޭ 12 ޖެހުމާ ހަމައަށް ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އިންތިޚާބަށް ފަހު މިހާތަނަށް މާލީ ބަޔާން ހުށަހެޅީ އެންމެ 22 ކެންޑިޑޭޓުން ކަމަށެވެ. މާލީ ބަޔާން ހުށަހެޅުމަކީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ގާނޫނީ ގޮތުން ކުރަން ލާޒިމްކޮށްފައިވާ ކަމަކަށް ވާތީ އެކަމަށް ފަރުވާ ކުޑަ ނުކުރަން އޭނާ އެދިވަޑައިގަތެވެ.

"މާލީ ބަޔާން ހުށަހަނާޅައިފި ނަމަ ދެ އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ. އެހެންކަމުން ހުރިހާ ކެންޑިޑޭޓުން ވެސް އެކަމަށް ސަމާލުކަން ދެއްވަން އިލެކްޝަންސް ކޮމިޝަނުން އެދެން،" އަކްރަމް ވިދާޅުވި އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކެންޑިޑޭޓު ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާން ޖެހެ އެވެ.