ބޮޑު ޚިޔާނާތާ ގުޅިގެން ރެޑް ނޯޓިސް ނެރުނު ބައެއް މީހުންގެ ނަންތައް ނަގައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ބައެއްގެ ނަން ނަގައިފި އެވެ.


ޓެރަރިޒަމާއި މަނީ ލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެން ރެޑް ނޯޓިސް ނެރުނީ އެޗްޑީސީގެ ކުރީގެ ޗެއާމަން މުހައްމަދު އަސީލާއި މުހައްމަދު އައްލާމް ލަތީފާއި އަހުމަދު އިޝްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ގެ އެވެ. އެކަމަކު، ރެޑް ނޯޓިސް ނެރުނު އިރު، އެ މީހުން ވަނީ ރާއްޖެ އިން ފިލައިފަ އެވެ.

ނަމަވެސް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ތެރޭގައި އެ ހަތަރު މީހުންގެ ނަމެއް ނެތެވެ. އެ ނަންތައް ނެގި ސަބަބާ ގުޅިގެން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ހަތަރު މީހުންގެ ނަން އިންޓަޕޯލް ވެބްސައިޓުން ނުފެނުނު ނަމަވެސް، ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅިގެން ހޯދަން އިއުލާން ކުރި މުހައްމަދު ވިޝާމްގެ ނަން ވެބްސައިޓުން ފެނެ އެވެ.

އޭނާއާ އެކު، އެކިއެކި ކުށްތަކުގައި 11 ދިވެއްސަކު ހޯދަން ރެޑް ނޯޓިސް ވަނީ ނެރެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ބައެއް 155 މީހެއްގެ އެކައުންޓަށް އެސްއޯއެފުން އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައިވާ ކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ތަހުގީގީ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެކަމަކު، އެ ނަގުދު ފައިސާ ލިބުނު މީހުންގެ ނަމެއް އެ ރިޕޯޓަކު ނެތެވެ.

އޭސީސީން ކުރި ތަހުގީގަށް ފަހު އެކުލަވާލި 779 ސޮފްހާގެ ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާ، ދީފައިވާ މީހުންނާއި ކުންފުނިތަކުގެ އެކައުންޓް ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި ވިޔަފާރި ވެރިންނާއި ބައެއް މެމްބަރުންގެ އާއިލާތަކުގެ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.