އިސްކަންދަރަށް 58 އަހަރުފުރުމާ ދިމާކޮށް އެ ސްކޫލުގައި އޮކެސްޓްރާ ބޭންޑާއި ޑިޖިޓަލް ލައިބްރަރީ، "ނޮލެޖް ހަބް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތައާރަފުކޮށްދެއްވައިފި އެވެ.
ހަމީދިއްޔާ މޮންޓެސަރީގެ ނަމުގައި ސްކޫލު ހުޅުވީ މެއި 16، 1961 ގަ އެވެ. ނަމަވެސް ރޯދަމަހުގެ ތެރޭގައި އަހަރީ ދުވަސް އަންނާތީ، މިއަދު ވަނީ ކުޑަކުދިންގެ ދުވަހާއެކު އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ.
މާލޭގައި އޭރު އޮތް ޕްރައިމަރީ ސްކޫލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭންޑެއް ތައާރަފުކޮށްފައިވަނީ ވެސް 1987 ވަނަ އަހަރު، އިސްކަންދަރުގަ އެވެ. އޭރު ފެށި ބޭންޑު ފުރިހަމަ ބްރާސް ބޭންޑަކަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވަނީ އިސްކަންދަރު ސްކޫލަކީ ވަރަށް ފުރިހަމަ ސްކޫލެއް ކަމަށާއި އޮކެސްޓްރާ ބޭންޑެއް އޮތް ނަމަ އިތުރަށް ފުރިހަމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެއާއެކު އޮކެސްޓްރާ ބޭންޑާ މެދު ޝައުގުވެރިކަން އުފެދުނު ކަމަށް، ބޭންޑާ ހަވާލުވެހުރި އެ ސްކޫލުގެ ލީޑިން ޓީޗަރު އާލިމާ މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރިހަމަ ވަސީލަތްތަކާއެކު 2016 ވަނަ އަހަރު ބްރާސް ބޭންޑަށް ބަދަލުވުމުން، އޭރު މަސައްކަތްކުރީ އެ ބޭންޑު އިތުރަށް ހަރުދަނާކުރަން ކަމަށެވެ. ކާމިޔާބު އެ މަސައްކަތާއި ވަސީލަތްތަކާއެކު އޮކެސްޓްރާ ބޭންޑު ތައްޔާރުވާން ފެށީ މިއަހަރުގެ ތެރޭގަ އެވެ. އެގޮތުން އެއް މަސް ދުވަހުގެ ފަރިތަކުރުންތަކަށް ފަހު، 41 ދަރިވަރުން ހިމެނޭ ބޭންޑުން ވަނީ މަޝްހޫރު ޓައިޓޭނިކް ލަވަ އާއި ޝަހީދުންގެ ލަވައެއް ކުޅެފަ އެވެ.
އާލިމާ ވިދާޅުވިގޮތުގައި ބޭންޑުގައި ހިމެނޭނީ ގްރޭޑު 7-10ގެ ދަރިވަރުންނެވެ. އެ ދަރިވަރުންނަކީ، ކުރިން އެހެން އިންސްޓްރުމަންޓް ކުޅެފައި ހުރި ކުދިންނަށް ވުމުން، ފަރިތަކުރުން ކުރިއަށްގެންދަން ފަސޭހަވިކަން އާލިމާ ފާހަގަކުރެއްވި އެވެ.
"މިއީ އިރާދަކުރެއްވިއްޔާ ފެށުމެއް. ބޭންޑު މި ފެށީ 40 ޕީސް އޮކެސްޓްރާއާ އެކު. ސްޓްރިންގް އިންސްޓްރުމަންޓް އިތުރުކޮށްގެން 100 ޕީސް އެއްކޮށްގެން އޮކެސްޓްރާއެއް ހެދުމަކީ ވެސް މުސްތަގުބަލުގައި ކުރަން ބޭނުންވާ ކަމެއް،" އާލިމާ ވިދާޅުވި އެވެ.
"ވަރަށް ހުނަރުވެރި ކުދިންތަކެއް އެއީ. އެހެންވެ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ތައްޔާރުވެވުނީ،"
ނޮލެޖް ހަބްގެ މަސައްކަތްތަކާ ހަވާލުވެހުންނެވި ލީޑިން ޓީޗަރު އިބްރާހިމް މުޒާހު ވިދާޅުވީ، ސްކޫލު ލައިބްރަރީ އިތުރަށް ތަރައްގީކޮށް ހުޅުވި ހަބް މިވަގުތު ބޭނުންކުރާނީ ހަމައެކަނި ލައިބްރަރީގެ ވަގުތު އެކަނި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ދަރިވަރުން ފިލާވަޅު ހެދުމަށާއި ތަފާތު އެކި މަސައްކަތަށް އެތަން ބޭނުންކުރެވޭނެ ގޮތް ހަދާނެ ކަމަށް ވިދާޅުވި އެވެ.
ސްޕޮންސަރުންގެ އެހީއާއެކު ތަރައްގީކުރި ޑިޖިޓަލް ލައިބްރަރީގައި 32 ސިސްޓަމް ހުރެ އެވެ. އެއިން ލޮގިން ވާއިރު ދަރިވަރުގެ އީމެއިލާއި ޕާސްވޯޑު ޖެހުމުން، އެ ދަރިވަރެއްގެ ގްރޭޑާއި އުމުރާ ގުޅޭ ތަފާތު އެކި ވައްތަރުގެ ފޮތްތައް ފެންނަން ހުންނާނެ އެވެ. އޭގެ ތެރޭގައި ނޮވެލް އާއި ކޮމިކްސް ފަދަ ފޮތްތައް ހިމެނެ އެވެ.
"އެއްފަހަރާ އެއް ކްލާހަށް އެކަމޮޑޭޓުުކުރެވޭނެ ސިސްޓަމްތަކުން. ޓާގެޓަކީ، ހަމައެކަނި އިސްކަންދަރު ސްކޫލުގެ ބަދަލުގައި ގައުމީ ލެވެލްގައި އެކަން ފުޅާކުރުން،" މުޒާހު ވިދާޅުވި އެވެ.