ފުރަތަމަ މަހު މެންޓަލް ހެލްތު ސެންޓަރުން 395 ފަރުވާ ހޯދި

މެންޓަލް ހެލްތު ސެންޓަރު ހުޅުވިތާ މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް 395 މީހުން ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.


އައިޖީއެމްއެޗުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ފުރަތަމަ މަހުގެ ތެރޭގައި 339 މީހުން ޑޮކްޓަރަށް ދެއްކި އިރު ސައިކޯތެރަޕީގެ 53 ސެޝަން ނަގާފައިވެ އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުވި ސެންޓަރުގައި ތިން ޑޮކްޓަރަކު މަސައްކަތްކުރެ އެވެ. އައިޖީއެމްއެޗުގައި ހަދާފައިވާ ސެންޓަރުން ހަފުތާގެ ފަސް ދުވަހު ހިދުމަތް ދެ އެވެ.

މެންޓަލް ހެލްތު ސެންޓަރަށް ދައްކާ މީހުން ގިނަވުމުން، ބައެއް ފަހަރަށް ޑޮކްޓަރަށް ދައްކަން، ދެތިން ހަފުތާ ވެސް ނަގަ އެވެ.

މެންޓަލް ހެލްތު ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި ފާއިތުވި ހަ މަސް ދުވަހު އައިޖީއެމްއެޗުން އެކަނި ވެސް ނަފްސާނީ ބަލިތަކަށް ގާތްގަނޑަކަށް 2،500 މީހުން ފަރުވާ ހޯދާފައިވެ އެވެ.

ނަފްސާނީ ބަލީގެ ފަރުވާދޭ މަރުކަޒެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. އެތަނުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދޭނެ އެވެ. އަދި ކައުންސެލިން ދިނުމާއި ބަލިތައް ދެނެގަތުމުގެ ކަންކަން ވެސް ކުރިއަށް ދެ އެވެ.