މި އަހަރުގެ ފިތުރު ޒަކާތް އަންނަ އަންގާރަ ދުވަހުން ފެށިގެން ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ފިތުރު ޒަކާތް އަންނަ އަންގާރަ ދުވަހުން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެ އާއި އަތޮޅުތަކުގެ ރަށްރަށުން ބަލައިގަންނާނެ ކަމަށެވެ. މާލޭގައި ނަމަ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1:00 އާ ހަމައަށް އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ވިލިމާލޭގައި ޒަކާތް ބަލައިގަންނާނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުން ކަމަށާއި ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ ކޮމިއުނިޓީ ސެންޓަރުން ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. އަދި ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާ އަގެވެ. މާލޭ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ޒަކާތް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން ނަމަ، 15ރ. އަދި ތައިލެންޑް ހުދު ހަނޑުލުން ނަމަ 45ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ، 95ރ. އެވެ.