ސީ ލައިފް އައްމަޓީ ހޯދަން ލަންކާ އާއި އިންޑިއާގައި ނޯޓިސް ހަރުކުރަނީ

ހުޅުމާލޭގައި، ފްލެޓް އަޅަން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ފިލައިގެން އުޅޭ މައްސަލައިގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދަން ސްރީ ލަންކާ އާއި އިންޑިއާގައި ވެސް ޕޯސްޓަރު ހަރުކުރަން ފަށައިފި އެވެ.


އައްމަޓީ ހޯދަން، އެ ދެ ގައުމުގައި ޕޯސްޓަރު ހަރުކުރަނީ ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އައްމަޓީ ފައިސާ ނެގި އާއިލާތަކުންނެވެ.

އެ އާއިލާތަކަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާ ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ މިއަދު ވިދާޅުވީ ހުޅުމާލެ އިން ފްލެޓް ލިބޭނެ ކަމުގެ އުއްމީދާ އެކު އެތައް ބަޔަކު ސީ ލައިފަށް ފައިސާ ދެއްކީ ލޯނު ނަގައިގެން ކަމަށެވެ. އެ ލޯނު ނުދެއްކި ގިނަ އާއިލާތަކެއް ހާލުގައި ޖެހިފައިވާ އިރު، އިންސާފު ނުލިބި ލަސްވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އިންސާފު އަވަސްވާނެ މަގެއް ހޯދަން ލަންކާ އާއި އިންޑިއާގައި ޕޯސްޓަރު ހަރުކުރީ،" ޝުނާނާ ވިދާޅުވި އެވެ.

ސީ ލައިފަށް ފައިސާ ދެއްކި އާއިލާތަކުން އިންސާފަށް އަޑުއުފުލަން ބޭއްވި ހިނގާލުމެއް.

ސީލައިފްގެ މައްސަލަ ފުލުހުން ބަލަން ފެށުމާ އެކު އައްމަޓީ ވަނީ ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އުޅެނީ ސްރީ ލަންކާގަ އެވެ.

އައްމަޓީ ހޯދަން އިންޓަޕޮލް އިން ވަނީ ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.

ސީލައިފަށް ބުކިން ފީގެ ގޮތުގައި މަދުވެގެން 14 މިލިއަން ރުފިޔާ އާންމުން ދައްކާފައިވެ އެވެ. އަދި ބައެއް މީހުން ފްލެޓްގެ ޑައުންޕޭމަންޓް އެކުގައި ވެސް ދެއްކި އެވެ. އެހެންކަމުން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސީ ލައިފް އަށް އެކި މީހުން ދައްކާފައިވާނެ ކަމަށް، ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.

އެޗްޑީސީން، ސީ ލައިފްއާ ހަވާލުކުރީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށެވެ. ސީ ލައިފުން ފްލެޓްތަކަށް އެތައް ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ފްލެޓް އެޅުމުގެ މަސައްކަތެއް ނުކުރެ އެވެ. އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ފުލުހުންގެ އިތުރުން އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކުރިން ދިވެހި ލަވަ ޕްރޮޑިއުސްކޮށް އަދި ކުޅެފައިވާ އައްމަޓީ އެކަހަލަ ބޮޑު އިންވެސްޓްމަންޓެއްގައި ބައިވެރިވުމުން ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. އޭނާއަކީ މާލީ ގޮތުން އެވަރުގެ ބޮޑު މަޝްރޫއުއެއް ހިންގޭ ފަދަ ގާބިލްކަމެއް ނެތް މީހަކަށް ވާތީ، މަޝްރޫއުއަކީ އޮޅުވާލުމެއްތޯ ނުވަތަ ނޫންތޯ ވެސް ބައެއް މީހުންގެ ބަހުސަކަށް ވި އެވެ.