ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް ލަންކާގެ މަސް ބޯޓު.
10 ނޮވެމްބަރ 2025 - 23:12
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ ހަފުތާގައި އަތުލައިގަތް ސްރީ ލަންކާގެ ޑްރަގް ބޯޓުން 350 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ދިވެހި ފުލުހުން މިރޭ ޔަގީންކޮށްދީފި އެވެ.
ރާއްޖޭގެ އަސްކަރީ ޑްރޯން ބޭނުންކޮށްގެން ހޯދައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް ހުރި ކަމަށް ލަންކާގެ ނޫސްތަކުން ކުރިން ރިޕޯޓު ކޮށްފައި ވިޔަސް، ރާއްޖޭގެ ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ނަމަވެސް، ދިވެހި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ގާނޫނާ ހިލާފަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓު ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގޯނިތަކެއް ފެނުނު ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު މިއަދު ފާސްކުރިއިރު 24 ގޯނި ފެނިފައިވާ ކަމަށާއި އޭގެ ވަގުތީ ބަރުދަން 355.9 ކިލޯ އަށް އަރާ ކަމަށް ބުންޏެވެ. އެ ގޯނިތަކުގައި ހުރީ ހެރޮއިން ކަމަށް ޝައްކު ކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކު ކުރެވޭ 297.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގެ ސަރަހައްދުން ދިވެހި އަސްކަރިއްޔާ އިން ބޯޓު އަތުލައިގަތްއިރު، ސްރީ ލަންކާގެ ފަސް ފިރިހެނުން ތިއްބެވެ. އެއީ އުމުރުން 28 އަހަރާއި 34 އަހަރާއި 39 އަހަރާއި 42 އަހަރު އަދި 63 އަހަރުގެ ފިރިހެނުން ކަމަށާއި އެ އެންމެން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަތުލައިގެން ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
"މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީ ލަންކަން ނޭވީ އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ،" ދިވެހި ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަޒީރާ ކަލޯ
11 November 2025
މޫދުއަޑިން ޓަނެއްވެސް ފެނުނޭ ދެން ވާގޮތެކޭ ނޭގެނީ
ކޮރަލް
11 November 2025
މަސްވެރީންނަށް މަސް ބޯޓް އެއް ފެނިއްޖެ ނަމަ ސަލާމަތީ ބާރު ތަކަށް އަނގާނެ ގޮތެއް މަސްވެރީންނަށް އަންގާލަން ވީ އެވެ. ފޮޓޯ އާ ވީޑިއޯ ނޫނީ ހުރި ސަރަހައްދު ބުނުމަށް ސޯސަލް މީޑީޔާ ގެ އެކައުން ޓް މަސްވެރީން ނަށް ކިޔާ ދޭން ވީ އެވެ.
ކިހިނެއް
13 November 2025
ސޯސަލް މީޑިއާ އަށް ވަންނަނީ ކިހިނެތް. 12 މޭލު ބޭރުން ފޯން ރޭންޖެއް ނުލިބޭނެ. ގިނަ އުޅަނދު ފަހަރަކީ ސެޓެލައިޓް ފޯނެއްވެސް ގެންގުޅޭ އެއްޗެއްސެއްނޫން.