ކޮލަމްބޯ (މެއި 17) - ސްރީ ލަންކާގެ މިސްކިތްތަކުގައި ދޭ ހުކުރު ޚުތުބާ ކުރިން ފާސްކުރަން ސަރުކާރުން އަންގައިފި އެވެ.
މުސްލިމް ރިލިޖަސް އެންޑް ކަލްޗަރަލް އެފެއާޒް މިނިސްޓްރީން ބުނީ ހައްދުފަހަނަޅައި ދިއުމުގެ ހަރަކާތްތައް ހިންގާ މަރުކަޒެއްގެ ގޮތުގައި މިސްކިތްތައް ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
"ގައުމުގެ މިހާރުގެ ހާލަތަށް ރިޔާއަތްކޮށް، އެއްވެސް މިސްކިތެއްގައި ހައްދުފަހަނަޅައި ދިއުމަށް މަގުފަހިކޮށްދޭ އެއްވެސް ހަރަކާތެއް ބޭއްވުމުގެ ފުރުސަތު ނުދިނުމަށް އަންގަން،" މިނިސްޓްރީން ބުނެފައިވެ އެވެ.
އެހެން ކަމުން ކޮންމެ މިސްކިތެއްގައި ވެސް ދޭ ޚުތުބާ ކުރިން ހުށަހަޅައި ފާސްކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އެޕްރީލް 21 ވަނަ ދުވަހު ލަންކާގައި ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ އެ ގައުމުގެ ހައްދުފަހަޅާފައިވާ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އެވެ. އެ ޖަމާއަތުން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ބައިއަތު ހިފައިފަ އެވެ. ހަމަލާތަކަށް ފަހު ލަންކާ އިން ވަނީ ހަރުކަށި ފިކުރު ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެ ގޮތުން ހަރުކަށި ވިސްނުމުގެ އެތައް ބައިވަރު ބިދޭސީންނެއް ވަނީ ޑިޕޯޓްކޮށްލައިފަ އެވެ.
ބޮމުގެ ހަމަލާތަކަށް ފަހު ލަންކާގައި މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. ހަމަނުޖެހުންތަކުގައި މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކަށް ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ ބުޑިސްޓުންނެވެ.
ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލަށް އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި 40 ބިދޭސީން ހިމެނެ އެވެ. ބޮމުގެ ހަމަލާތައް ދީފައި ވަނީ ނުވަ މީހެކެވެ.